ޕާކިސްތާނުގެ ފުރަތަމަ އެސްޓްރޮނޯޓް މުހައްމަދު ޒީޝާން އަލީއަށް ހާއްސަކޮށްގެން، ޗައިނާއިން އޭނާގެ ޖައްވީ މިޝަނަށް ހަލާލު ކާބޯތަކެތި ހަމަޖައްސައިފިއެވެ. ޕާކިސްތާން ޓެލެވިޜަން (ޕީޓީވީ) އާ ހަވާލާދީ އޭއާރުވައި ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާގެ ޓިއާންގޮންގް ޖައްވީ ސްޓޭޝަނަށް ޒީޝާން ކުރާ ދަތުރަށް ޗައިނާ އެސްޓްރޮނޯޓް ސެންޓަރުން ވަނީ އޭނާގެ ކެއުމުގެ ކަންކަން ހަމަޖައްސާފައެވެ. މިގޮތުން އެ ސްޓޭޝަންގައި ހަ އެސްޓްރޮނޯޓުންނަށް ބާއްވާ ކެއުމަކަށް، ބަޓަރ ޗިކަން، ބީފް ނިހާރީ، ލޭމްބް ކޯމާ އަދި ޗިކްޕީ ކަރީ ހިމެނޭހެން 100 އަށް ވުރެ ގިނަ ބާވަތުގެ ހަލާލު ކާބޯތަކެތި ވަނީ ތައްޔާރުކޮށްފައެވެ.
މީގެ އިތުރުން، ޗައިނާ މޭންޑް ސްޕޭސް އެޖެންސީ (ސީއެމްއެސްއޭ) އިން ބުނި ގޮތުގައި، އުމުރުން 40 އަހަރުގެ ޒީޝާން ޖައްވަށް ދިޔައީ ޝެންޒޯ-24 ޖައްވީ އުޅަނދުގައި ޗައިނާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ޓާންގް ހޮންގްބޯ އަދި ވޫ ޔީއާ އެކުގައެވެ. މިއަދު ހެނދުނު ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ ޖިއުކުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން އުދުއްސާލި މި އުޅަނދު، ތިން ގަޑިއިރާއި 38 މިނެޓަށް ފަހު ވަނީ ޓިއާންގޮންގް ޖައްވީ ސްޓޭޝަނާ ގުޅާލާފައެވެ.
