އެމްޕީއެލްއިން ތިލަފުށި ކާގޯ ޓަރމިނަލްގައި އެފްސީއެލް ކޮންޓޭނަރ ކްލިއަރކުރަން ފަށައިފި

އެމްޕީއެލްއިން އެންމެ ފުރަތަމަ މި ފެށީ ޑައިރެކްޓް ޑެލިވަރީ (ޑީއާރް) ގެ ގޮތުގައި އެފްސީއެލް ކޮންޓޭނަރ ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ހިދުމަތް

އެމްޕީއެލްއިން ތިލަފުށި ކާގޯ ޓަރމިނަލްގައި އެފްސީއެލް ކޮންޓޭނަރ ކްލިއަރކުރަން ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ ފުލް ކޮންޓޭނަރ ލޯޑް (އެފްސީއެލް) ކޮންޓޭނަރތައް ކްލިއަރކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓަރމިނަލް (ޓީސީޓީ) އަށް ބަދަލުކޮށް، މިއަދު އެ ހިދުމަތް ފަށައިފިއެވެ.

ތިލަފުށީގައި މި ހިދުމަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން އެ ރަށުގައި ހެދި 100 މީޓަރުގެ ކީވޯލް ސަރަހައްދުގައެވެ. މިއީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން، އެ ރަށަށް ބަދަލުކުރި ފުރަތަމަ އޮޕަރޭޝަނެވެ. 

އެމްޕީއެލްއިން އެންމެ ފުރަތަމަ މި ފެށީ ޑައިރެކްޓް ޑެލިވަރީ (ޑީއާރް) ގެ ގޮތުގައި އެފްސީއެލް ކޮންޓޭނަރ ކަނޑުމަގުން ކްލިއަރކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓޭނަރ ބޭލުމުގެ ހިދުމަތެވެ. އެހެން ނަމަވެސް، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ޑީއާރްގެ ގޮތުގައި މީގެ ފަހުންވެސް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކްލިއަރކުރެވޭނެއެވެ.

މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންޓޭނަރގެ ތެރެއިން ބޮޑު ބައެއް ކްލިއަރކުރަނީ ކަނޑުމަގުން ކަމަށްވާއިރު، އޭގެ ތެރޭގައި ގިނައީ އެފްސީއެލް ކޮންޓޭނަރެވެ. ޑީއާރްގެ ގިނަ ކޮންޓޭނަރތައް ކަނޑުމަގުން ކްލިއަރކުރަމުން އައީ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ކަމަށްވާތީ، މި އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމަކީ އެ ޓަރމިނަލްގެ ލޯކަލް ކީވޯލްގެ އޮޕަރޭޝަންތަކަށް ލިބޭނެ ލުއިކަމެކެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ، ކާގޯ ކްލިއަރަންސްގެ ހިދުމަތެއް ތިލަފުއްޓަށް ބަދަލުކުރުމަށް އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ކަސްޓަމްސް) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް (އިކޮނޮމިކް މިނިސްޓްރީ) ގެ ފަރާތުން ލިބުނު އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ތިލަފުށީގައި ލެސް ދެން ކޮންޓޭނަރ ލޯޑް (އެލްސީއެލް) ގެ ގޮތުގައި ގެންނަ ކާގޯ ކްލިއަރކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެ ކަމަށް ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވިއެވެ. 

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އެކި މަސައްކަތްތައް ކުރިއަށްދާއިރު، އެ ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އިން ދަނީ އެ މަސައްކަތްތައް ކުރަމުންނެވެ. އެ ކީވޯލްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެއެވެ. އަދި 820 މީޓަރުގެ ޑޮމެސްޓިކް ކީވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ސީއެޗްއީސީން ވަނީ ފަށާފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއެމްޕީއެލްތިލަފުށި ކާގޯ ޓަރމިނަލްއެމްޓީސީސީ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0