އެމްޓީސީސީގެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ބައްދަލުވުމުގައި، ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.
އެ ކުންފުނީގެ 2025 އަހަރުގެ އަހަރީ އާންމު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ނިޒާމު ކަމުގައިވާ "ފަހިވޯޓު" ޕްލެޓްފޯމް މެދުވެރިކޮށެވެ.
މި ޖަލްސާގައި ބައިވެރިވެފައިވަނީ 59 ހިއްސާދާރުންނާއި، ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 14 ހިއްސާދާރުންނެވެ. ޖަލްސާގައި މުޅިއެކު ތަމްސީލުވީ، ކުންފުނީގެ ހިއްސާގެ 69.75 އިންސައްތަ ކަމުގައިވާއިރު، އެއީ ޖުމްލަ 5,602,272 ހިއްސާއެވެ.
އަހަރީ ބައްދަލުވުމުގައި ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި ހިއްސާގެ ފައިދާ ބަހާނެ މިންވަރު ކަނޑައެޅުން ހިމެނެއެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުގެ ފައިދާއިން، މޫނުމަތީ އަގުގައި 5 ރުފިޔާ ހުރި ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ދިނުމަށް ވަނީ އިއްތިފާގުވެފައެވެ.
ހަމައެއާއެކު، 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ބެލެންސް ޝީޓާއި ފައިދާއާއި ގެއްލުމުގެ ބަޔާންތަކުގެ އިތުރުން ޑިރެކްޓަރުންގެ ރިޕޯޓްވެސް ޖަލްސާއިން ވަނީ ބަލައިގެންފައެވެ.
އަދި 2024 ވަނަ އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި، ކުންފުނީގެ ހިންގާ ގަވާއިދަށް ގެނައުމަށް ހުށަހެޅި ބަދަލުތައްވެސް ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރުގެ މަގާމަށް ހަމަޖައްސާފައިވަނީ ޑެލޮއިޓެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ތިއްބަވާ ދެ މެންބަރެއްގެ ދައުރު ހަމަވުމުން، އެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއް މަގާމަށް އިންތިހާބުކޮށްފައިވަނީ ރ. ރަސްގެތީމު، ހުދުވެލި، ހުސައިން ހަސަންފުޅެވެ. އަދި، ހުސްކޮށް އޮތް އަނެއް މަގާމަށް މެންބަރަކު އައްޔަންކުރުމަށް ހާއްސަ އާންމު ޖަލްސާއެއް ބާއްވާނެ ކަމަށާއި، އެކަމަށް ބޭނުންވާ އިދާރީ މަރުހަލާތައް ނިމުމުން އެ ތާރީހު އިއުލާންކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީގެ މާލީ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހުރިހާ ހަރަދެއް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 85 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
ސަރުކާރުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެއްކޮށްލަން ސަރުކާރުން ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން، އާރްޑީސީން ހިންގަމުންދިޔަ މަޝްރޫއުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.