އެމްއެސްއެމްއީތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިއުލާނުކުރި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދި ހުށަހެޅޭނެއެވެ.
މިއާއެކު ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ، ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެއެވެ.
މި ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ވަގުތެއްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކާ ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ. މި މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓްގޭޓްވޭ ލިންކްކޮށްދެވޭނެއެވެ.
މިއީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި ބީސީސީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ބޭރުފައިސާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.