ނޮވެންބަރު އެކަކުން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ

ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް އެ ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ނޮވެންބަރު 1 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިކަން އިއުލާންކުރެއްވީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ. 

ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ގިންތިތައް ހިމެނޭގޮތުން ޝަރަފުވެރި ރަން 5 ވަނަ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހަވާލުކޮށްދެއްވާފައެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކުރިއަށް އޮތް ނޮވެމްބަރު މަހާއި 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ހިމެނޭހެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދަށްވުރެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރައްވަން ގަސްތުކުރައްވާ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ހާމަކުރައްވާފައެވެ.  

އެގޮތުން، ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް އެމެރިކާ ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކުދި އަދި މެދު ފަންތީގެ ދާއިރާއަށް ހާއްސަ، ޓެކްސް-ފްރީ ޒޯންތަކެއް ގާއިމުކުރުމަށް ނިންމާފައިވާއިރު، 3 އަހަރުގެ މުއްދަތަށް، ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ފަށާނީ އައްޑޫ ސިޓީއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ޒޯންގައި ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މައާފުވުމުގެ އިތުރުން 20 އިން 30 އަށް ކޯޓާގެ ލުޔެއް ދިނުން ފަދަ ކަންކަން ހަމަޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒުމޯލްޑިވްސް އެކްސްޕޯ 2026ބީއެމްއެލް ގޭޓްވޭދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026މޯލްޑިވްސް އެކްސްޕޯދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0