ރާއްޖޭގެ މިސްރާބު މިހާރު ހުރީ ތަރައްގީގެ މުހިންމު ބާބަކަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އިގުތިސާދު ސިންދަފާތުކޮށް، އާ އީޖާދުތަކަށް މަގުފަހިކޮށް، މުސްތަގުބަލުގައި ރާއްޖެއަށް ވުނަކުރުމަށް ތައްޔާރަށް ތިބި ވުނޭރުންނާއެކު ގުޅުން ގާއިމުކުރަންޖެހޭކަން ފާހަގަކުރެއްވި

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ގައުމީ ތަރައްގީގެ މުހިންމު ބާބަކަށް ކަމަށާއި، "ވިޝަން 2040" ގެ ދަށުން 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާއި ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އިގުތިސާދު ސިންދަފާތުކޮށް، އާ އީޖާދުތަކަށް މަގުފަހިކޮށް، މުސްތަގުބަލުގައި ރާއްޖެއަށް ވުނަކުރުމަށް ތައްޔާރަށް ތިބި ވުނޭރުންނާއެކު ގުޅުން ގާއިމުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން، ވުނޭރުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ވިޔަފާރީގެ ސިޔާސަތުތަކުގެ ޔަގީންކަން ހޯދައިދިނުމަށްޓަކައި، 40 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އަމަލުކުރަމުން އައި ބިދޭސީ އިންވެސްޓްމަންޓް ގާނޫނު އުވާލައި، އައު ގާނޫނެއް ވުޖޫދު ކުރެވިފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

އަދި ތަރައްގީގެ އިސްތިރާޖީ ދާއިރާތަކުގެ ތެރެއިން، އިޢާދަކުރަނިވި ހަކަތައާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، މުދާ އުފުލުމާއި، މަސްވެރިކަމުގެ ޒަމާނީ އުފެއްދުންތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސާއި، ސިއްހީ ދާއިރާއާއި، މާލީ ހިދުމަތްތަކުގެ އިތުރުން، ޒަމާނީ ކުރިއެރުންތައް ބޭނުންކޮށްގެން އިމާރާތް ކުރުމާ، އަދި ރަށްވެހި ތަރައްގީ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުން ފަދަ ދާއިރާތަކުން ފުރުސަތުތައް ހުޅުވިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން ވުނަކުރުންތަކަށް ހުޅުވާލަނީ، ހަމައެކަނި ރައުސްމާލެއް ހޯދަން ނޫން ކަމަށާއި، އޭގެ ސަބަބުން އުފެދޭ އައު ސިނާއަތްތަކަށާއި، ތަރައްގީވާ ހުނަރުތަކަށާއި، އުފެދޭ ވަޒީފާތަކުގެ އިތުރުން ރައްޔިތުންނަށް ފަހިފުރުޞަތުތަކެއް ހޯދައިދިނުމަށް ކަމުގައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއިން ލިބެންހުރި ފުރުސަތުތައް ދެނެގަނެ، ދިވެހި ވިޔަފާރިތަކުގައި ހިއްސާވެ، ވިޝަން 2040 ހާސިލުކުރުމުގެ ދަތުރުގައި އެ ފަރާތްތަކުގެ ތަޖުރިބާއާއި، ހިޔާލުތަކާއި އީޖާދީ ވިސްނުންތަކާއެކު ބައިވެރިވުމަށް ހުރިހާ އިންވެސްޓަރުންނަށާއި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައެވެ. 

އަދި މި ފޯރަމަކީ ހަމައެކަނި މަޝްވަރާތަކެއް ކުރާ މަންސައަކަށް ވުމުގެ ބަދަލުގައި، މިފޯރަމްގެ ޒަރީއާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރު ލިބި، އައު ޕާރޓްނަރޝިޕްތައް އުފެދި، އިތުރު ކުރިއެރުން ގެނެސްދޭނެ ފޯރަމެއް ކަމުގައި ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމްގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގ ޝިއަންހުއާ އާއި، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒުމޯލްޑިވްސް އެކްސްޕޯ 2026ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0