ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާއި އެކަމާ ގުޅޭ ބިލެއް މަޖިލީހަށް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ތެރެއިން ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި، ކުރިއަށް އޮތް ތާނގާއި ރިއަލް އެސްޓޭޓް ޓުއަރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާއި އެކަމާ ގުޅޭ ބިލެއް މަޖިލީހަށް

ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ރަސްމީ އެއްބަސްވުމާއި، އެފަދަ މަޝްރޫތަކާ ގުޅުންހުރި ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ތެރެއިން ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި، ކުރިއަށް އޮތް ތާނގާއި ރިއަލް އެސްޓޭޓް ޓުއަރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

"އެ ބިލު ރައްޔިތުންނަށް ފެންނަ ގޮތަށް މަޖިލީހުން އާންމުކުރާނެ، ހިޔާލާއި މަޝްވަރާއަށް ވަކި މުއްދަތަކަށް. ދެތިން ހަފްތާއަށް ނުވަތަ ދެ ހަފްތާއަށްހާ ދުވަހަށް، އޭރުން ބިލް ފެންނާނެ." ރައީސް ވިދާޅުވިއެވެ.

އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން މި މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އެ ކުންފުންޏާއެކު މިހާތަނަށް ސޮއިކޮށްފައިވަނީ "ކޮމާޝަލް ޓާމްސް ޝީޓް" އެކަންޏެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރެވުމުން އެވެސް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒިންމާދާރު ގޮތެއްގައި ހިންގާ ސަރުކާރެއްގައި މިއަށްވުރެ ފުރިހަމައަކަށް މި ކަމެއް ނުކުރެވޭނެ. ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި މަންދޫބުން ތިބި މަޖިލީހަކީ ރައްޔިތުންގެ މަޖިލީސް. އެހެންވީމަ ރައްޔިތުންނަށް އެ އޮތީ އެގްރިމަންޓު ފޮނުވިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓުއަރިޒަމާ ގުޅޭ ހާއްސަ ބިލު ވެސް ގާނޫނަކަށްވުމުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ހުޅުވާލެވިގެންދިއުމާއެކު، މި ހުރިހާ ކަމެއްވެސް ދާނީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ. 

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތައް ހަގީގަތާއި ހިލާފު ވާހަކަދައްކާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރައްވަނީ އިހުލާސްތެރި ނިޔަތެއް ނެތުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަސައްކަތްކުރައްވަނީ، ރަނގަޅު ގޮތާއި ނުބައި ގޮތް ބަލައި، އޭގެތެރެއިން ރަނގަޅު ގޮތް ހިޔާރުކުރާ ފަރާތްތަކަށް އެންމެ ފުރިހަމައަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒުރަސްމާލެ މަޝްރޫއުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0