ޒަޔަނިޒަމާ ދެކޮޅަށް ވަކާލާތު ކުރައްވައި، ބަހާއި އަމަލުން ދެއްކި އެހެން ވެރިއަކު ނާދޭ: ރައީސް

ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރަން އުޅުމުން ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ އިތުރުން، އެމަނިކުފާނު ނިސްބަތްވާ ޕީއެންސީ ފިކުރުގެ ބައެއް ބޭފުޅުންވެސް އެކަން ނުކުރަން އެދުނު ކަމަށް

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޒަޔަނިޒަމާ ދެކޮޅަށް ފާޅުގައި ވަކާލާތުކުރައްވައި، ބަހާއި އަމަލުން އެކަން ސާބިތުކޮށްދެއްވި ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުބާއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތައް ހަގީގަތާއި ހިލާފު ވާހަކަދައްކާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރައްވަނީ އިހުލާސްތެރި ނިޔަތެއް ނެތުމުން ކަމަށެވެ. 

"ގައުމަށް ކިތަންމެ ފައިދާވާ ކަމެއް ވިޔަސް ކިތަންމެ ރަނގަޅު ކަމެއް ވިޔަސް އިދިކޮޅުވުން އޮންނަނީ. އޮޅުވާލައި ދޮގުހަދައި މަކަރު ހަދައިގެން ވާހަކަތައް ދެއްކުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއްނެތް ކަމަށާއި، އެތަނުގައި ނުރަނގަޅު އެއްވެސް ކަމެއް ކުރާކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ. ރަސްމާލޭން އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ޕްރޮޕަޓީއެއް ވިއްކުމާއި ކުއްޔަށްދިނުންވެސް މަނާވާނެ ކަމަށާއި، އެންމެ ދުވަހަކަށްވެސް އެ ގައުމުގެ ރައްޔިތަކަށް އެތަނުގައި ނުހުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށްވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅަށް، އިސްރާއީލުން މިހިންގާ ޖެނޮސައިޑާ ދެކޮޅަށް ވާހަކަދައްކައި، މަސައްކަތްކުރި މީހަކު މިއަދާ ހަމައަށްވެސް ރާއްޖޭގެ ރައީސް ކަމަށް ނެތްކަންނޭނގެ އައިސްފައެއްނެތް." ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން، ޓްރާންސިޝަން މުއްދަތުގައި ރާއްޖޭގެ ސިޔާސަތާ ގުޅޭގޮތުން އެކްސްގައި ޓުވީޓުކުރައްވާފައިވާ ކަމަށާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކަން އަމަލީގޮތުން ދައްކަމުން އަންނަ ކަމަށެވެ.

އިޒްރޭލް މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ޕާސްޕޯޓް ބޭން ކުރަން ކެރުނު މީހަކު އެބަހުރިތޯ؟،" ރައީސް ވިދާޅުވި އެވެ.

މީގެކުރީން ފެންނަން ހުރީ ހިހޫ ތަނުން ކައިގެން އުޅުނު މީހުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އަދުގެ ސަރުކާރުން އިސްރާއީލްގެ ޕާސްޕޯޓް މަނާކުރަން އުޅުމުން ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ އިތުރުން، އެމަނިކުފާނު ނިސްބަތްވާ ޕީއެންސީ ފިކުރުގެ ބައެއް ބޭފުޅުންވެސް އެކަން ނުކުރަން އެދުނު ކަމަށެވެ. އެހެންނަމަވެސް، އެކަން އެގޮތަށް ކުރީ ގައުމަށްޓަކައި، ގައުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ފެންނަން މިއޮތީ އޭގެ ހަގީގަތް. އޭގެ ސަބަބުން ޓޫރިޒަމް އިތުރަށް ފުޅާވީ ރާއްޖޭގަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ވަރަށް ހަރުދަނާ މިންގަނޑުތަކެއް އަސްލަކަށް ބަލައިގެން މަސައްކަތްކުރާ، ސުލްހަވެރިކަމާއި އިންސާފަށް ލޯބިކުރާ ބަޔަކު އުޅޭ ގައުމަކަށްވުމާއެކު، ރާއްޖޭގެ ރައްޔިތުންނަކީ އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ މުޅީން ދެކޮޅު ބައެއް ކަމަށެވެ.

"އިޒްރޭލުން ހިންގަނީ ޖެނޮސައިޑެއް ކަން އދ.ގައި އިއުލާން ކޮށްލަން ކެރުނު މީހަކީ ހަމައެކަނި އަޅުގަނޑު ނޫންތޯ ރާއްޖޭގެ ފަރާތުން. މިއަދާ ހަމައަށް އައިއިރުވެސް. މީގެކުރިން އެއްވެސް ރައީސަކު ކުރެއްވި ކަމެއް ނޫން މިއީކީ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގާ މިއަދާ ހަމައަށް ހުންނެވި ގޮތަށް، ކުރިއަށް އޮތް ތާނގާއި އެގޮތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

މިތަނުގައި އިސްރާއީލްގެ ރައްޔިތުންނަށް ނޫނިއްޔާ ޒަޔަނިޒިސްޓުންނަށް އައިސް ވަޒަންވެރިވެވޭގޮތަށް ކަންކަން ކުރަން އުޅޭކަމަށް ދައްކާ ވާހަކައަކީ، އެއްވެސް އިހުލާސްތެރިކަމެއް ނެތް ސިޔާސީ މީހުން ދައްކާ ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޙައްމަދު މުޢިއްޒުރައީސް ޑރ. މުޢިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުނޭޝަން ޗެޓް ޕޮޑްކާސްޓް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0