ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިންގެ އީޖާދީ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ހިމެނޭހެން، ދިވެހިރާއްޖޭގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް އެކްސްޕޯ 2026" އިފްތިތާހުކޮށްދެއްވީ މިކަމަށް ހާއްސަކޮށްގެން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

"މޯލްޑިވްސް އެކްސްޕޯ 2026" ނުވަތަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ބައިވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ދަޢުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖޭގެ އިގުތިސާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒު ރޭ ރަސްމީކޮށް އިފްތިތާޙުކުރިއިރު، މިއީ މީގެ ކުރިން ނުބާއްވާ ފަދަ ފުޅާ ދާއިރާއެއްގައި ބާއްވާ މައުރަޒެކެވެ.

އެގޮތުން މިދިޔަ އަހަރު މި މައުރަޒުގައި 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު 430 އަށް ވަނީ އިތުރުވެފައެވެ. މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ އަދަދު 4،400 އަށްވުރެ މައްޗަށް އަރާއިރު، މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު، 5 އިން 7 އަށް ވަނީ އިތުރުކުރެވިފައެވެ.

މިއަހަރު މައުރަޒުގައި އަލަށް ގާއިމުކޮށްފައިވާ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވިފައިވާ ފަހި ފުރުސަތެކެވެ. މިއަހަރު އަލަށް ގާއިމުކުރެވުނު އިންޓަނޭޝަނަލް ޑިސްޓްރިކްޓުގައި މިވަގުތު ދިވެހިރާއްޖެއިން މިނިވަން ވިޔަފާރީގެ އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ސެންޓްރަލް ޕާކު އެއްކޮށް މައުރަޒަށް ހާއްސަކޮށްގެން މިއަހަރު ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްގެންދާނީ މި މަހުގެ 25 އިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، "މޯލްޑިވްސް އެކްސްޕޯ 2026"ގެ ސްޓޯލްތައް ބައްލަވާލައްވައި ބައިވެރިންނާ ބައްދަލުކޮށްލެއްވުމަށް، އޮކްޓޫބަރު 26 ވާ ހޯމަ އަދި 27 ވާ އަންގާރަ ދުވަހުގެ ރޭވެސް، މައުރަޒު ކުރިއަށްދާ ސަރަޙައްދަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުޢިއްޒުރައީސްރައީސުލްޖުމްހޫރިއްޔާރައީސް ޑރ. މުޢިއްޒުމޯލްޑިވްސް އެކްސްޕޯ 2026ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026މޯލްޑިވްސް އެކްސްޕޯދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0