ރާއްޖޭގެ 2040ގެ ތަރައްގީގެ އަމާޒަށް ވާސިލުވުމަށް މޫސުމީ އިންވެސްޓްމަންޓްތައް މުހިންމު: ވަޒީރު ޒަރީރު
2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި، އިއާދަކުރަނިވި ހަކަތައާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން އިންވެސްޓްކުރަންޖެހޭ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން
ވަޒީރު
ޒަރީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ.
ފަތުރުވެރިކަމާއި މަސްވެރިކަން ދެމެހެއްޓުމުގައާއި ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުގެ ދިރުންތަކުގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރާވައި ފައިނޭންސް ކުރުމުގައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
"މޫސުމީ ނުރައްކަލަކީ އިގުތިސާދީ ނުރައްކަލެއް. އަދި އިގުތިސާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،" ޒަރީރު ވިދާޅުވިއެވެ.
ވަޒީރު
ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ހިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަގުވާމީ އެހީއާއި، ލުއި ލޯނުގެ އެހީ އަދިވެސް ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން، އަންނާން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެހެން، މިފަދަ ބޭނުންތައް ފުއްދުމަށް އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓުމެންޓުތަކާއި އަދި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް މުހިންމުކަން
ވަޒީރު
ފާހަގަކުރެއްވިއެވެ.
2028ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާނެ ކަމަށާއި، އިއާދަކުރަނިވި ހަކަތަ ފުޅާކުރުމުން އިމްޕޯޓްކުރާ ތެލަށް ރާއްޖެ ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް
ވަޒީރު
ޒަރީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" ކުރިއަށްގެންދާކަންވެސް
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެކްރެޑިޓްވުމަކީ، ބައިނަލްއަގުވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު އިތުރު ބާރެއް ކަމަށް ވިދާޅުވެ އެކުންފުންޏަށް
ވަޒީރު
މަރުހަބާ ވިދާޅުވިއެވެ.
ދެމެހެއްޓެނިވި މަޝްރޫއުތަކަށް ހާއްސަ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސްކުރައްވައި، ވިޔަފާރިތަކުން ކާމިޔާބު ކުރެވޭނެ ފަދަ ޕްރޮޕޯޒަލްތައް ހުށަހެޅުމަށްވެސް
ވަޒީރުގެ ވަހާކަފުޅުގައި އެދިވަޑައިގެންނެވިއެވެ. ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ ހިންގޭ މަޝްރޫއުތަކާއި އޭގެ ނަތީޖާއިން ކަމަށާއި، އޭގެ ތެރޭގައި ވަރުގަދަ އުމްރާނީ ވަސީލަތްތަކާއި، ހަކަތަ އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.