މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ފަށަނީ؛ ކީނޯޓް ސްޕީކަރަކަށް މާލީ ވަޒީރު

މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ފަށަނީ؛ ކީނޯޓް ސްޕީކަރަކަށް މާލީ ވަޒީރު

ޕެންޝަން އޮފީހުން އިސްނަގައިގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ފެނިގެންދާނީ މާލީ ވަޒީރު ޙަސަން ޒަރީރެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2012ގައެވެ. މިއީ މި ފޯރަމް ބާއްވާ 13 ވަނަ ފަހަރެވެ.  

މިއަހަރުގެ ފޯރަމް ކުރިއަށްދާނީ ޑުސިޓް ޑީ2 ފޭދޫ ރިސޯޓުގައެވެ.

ޓެކްސްގެ ދާއިރާއާއި، މާލީ ދާއިރާ އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ވަޒީރު ޒަރީރު ވަނީ މީގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު އަދާކުރައްވާފައެވެ. 

މީގެ އިތުރުން، ވަޒީރު ޒަރީރު ވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގެ އިސް މަގާމުތަކާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަންކަމުގެ މަގާމުގެ އިތުރުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި، އެކި މުއައްސަސާތަކުގެ އިސް މަގާމުތައްވެސް ފުރުއްވާފައެވެ.

ވަޒީރަކީ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓެއްގެ އިތުރުން ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓެކެވެ. އަދި ވަޒީރު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް އަދި ބެޗްލަރ އޮފް އެކައުންޓިންގ ހާސިލުކުރައްވާފައެވެ.

"ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިޢާރުގެ ދަށުން ބާއްވާ މި ފަހަރުގެ ފޯރަމްގައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކޮށް، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައި މަޝްވަރާކުރާނެއެވެ.  

މި މަޝްވަރާތަކަކީ ރާއްޖޭގެ މުހިންމު އިގްތިސާދީ ދާއިރާތަކަށް މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ނުހަނު ބޭނުންތެރި މަޝްވަރާތަކެކެވެ. މިފަދަ ގޮންޖެހުންތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށާއި، ދިގުމުއްދަތުގެ މާލީ ތަނަވަސްކަން ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ މުސްތަގުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ފޯރަމްގެ ސެޝަންތަކުގެ ތެރޭގައި، ރާއްޖެއަށް ގްރީން ފައިނޭންސްގެ މުހިންމުކަމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ގޭބިސީތަކަށާއި، ކުދި ވިޔަފާރިތަކަށް އަދި ރަށްރަށަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށްދާނެއެވެ. 

އަދި ރެގިއުލޭޓަރީ އިދާރާތައް ބައިވެރިވާ ރައުންޑް ޑޭބަލް މަޝްވަރާގައި، މިހާރު ތައްޔާރުކުރަމުންދާ ޤަނޫނީ އަދި އިދާރީ އޮނިގަނޑުތަކުގެ އެހީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ރިޕޯޓްކުރުމާއި، ބެލެހެއްޓުމާއި، އޮޑިޓްކުރުން އަދި މާކެޓުގެ އިތުބާރު ކަށަވަރުކުރުމަށް ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެއެވެ.

މީގެއިތުރުން، ކުދި ޖަޒީރާ ގައުމުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގެ ތަޖުރިބާތަކުގެ އަލީގައި މައުލޫމާތު ހިއްސާކުރައްވާނެއެވެ. އަދި ފޯރަމް ނިންމާލުމަށް ހަމަޖެހިފައިވަނީ، މޫސުމީ ނުރައްކާތައް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތަކަކަށް ބަދަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަންއަކުންނެވެ.

ޕެންޝަން އޮފީހުން ސިލްސިލާކޮށް އިންތިޒާމުކުރަމުންދާ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ދިވެހިރާއްޖޭގެ މާލީ އަދި އިގުތިސާދީ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ފަހިކޮށްދޭ މަންސައެކެވެ. 

މިއަހަރު ފައިނޭންސް ފޯރަމް މެދުވެރިކޮށް ދިވެހި އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައްދަލުކޮށް، ހިޔާލު ބަދަލުކޮށް، އަލަށް ފާހަގަކުރެވޭ ފުރުސަތުތަކާއި، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަގުފަހިވެގެންދާނެއެވެ.

މާލީ ވަޒީރުމޯލްޑިވްސް ފައިނޭންސް ފޯރަމްކީނޯޓް ސްޕީކަރުޕެންޝަން އޮފީސް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0