ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރެއް ގާއިމުކުރަނީ

ރައްޔިތުންގެ މަޖިލީހުގައި މާލީ ވަޒީރު ޙަސަން ޒަރީރު ވާހަކަ ދައްކަވަނީ.
ރައްޔިތުންގެ މަޖިލީހުގައި މާލީ ވަޒީރު ޙަސަން ޒަރީރު ވާހަކަ ދައްކަވަނީ.

ދައުލަތުގެ ހިދުމަތްތައް ޒަމާނީކޮށް، ރާއްޖޭގެ ޑިޖިޓަލް ވިއުގަ ފުޅާކުރުމަށް އެކަށައަޅާފައިވާ ހާއްސަ ސިޔާސަތުގެ ދަށުން، މުޅި ގައުމަށް އަމާޒުކޮށް 'ނެޝެނަލް ސޮވެރިން ކްލައުޑް ޑޭޓާ ސެންޓަރެއް' ބިނާކުރުމަށާއި، މަގުމަތީގެ ތޮއްޖެހުން ހައްލުކުރުމަށް ޒަމާނީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ހާމަކުރައްވައިފިއެވެ.

2027 ވަނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި، ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ ކުރިއެރުވުމަށް އެކަށައަޅާފައިވާ މުހިންމު މަޝްރޫއުތަކުގެ މަޢުލޫމާތު މާލީ ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. 

އެގޮތުން، ދައުލަތުގެ ރަސްމީ ޑޭޓާތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް 'ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރ' އުފެއްދުމުގެ އިތުރަށް، އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސްކޮށް ލުއިކުރުމުގެ ބޭނުމުގައި، ކުރިއަރާފައިވާ ސްމާޓް ކާޑު ނުވަތަ 'ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް' ތައާރަފުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވެރިރަށް މާލޭގެ މަގުތައް ތޮއްޖެހުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުންހިފުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މާލީ ވަޒީރު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް މާލޭގެ ޓްރެފިކް ޑިޖިޓަލް އުސޫލުން މޮނިޓަރކުރެވޭ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް' ގާއިމުކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށެވެ. 

އަދި މި އިންތިޒާމާ އެކުއެކީގައި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި 'ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' އަމަލީގޮތުން ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިފަދަ މަޝްރޫއުތައް ތަންފީޒުވުމުން، ދިވެހިރާއްޖޭގެ ޑިޖިޓަލް އޮނިގަނޑު އިތުރަށް ވަރުގަދަވެ، އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ފަސޭހަވެގެންދާނެއެވެ.

މާލީ ވުޒާރާރައްޔިތުންގެ މަޖިލިސްބަޖެޓުބަޖެޓު 2027މާލީ ވަޒީރު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0