އަންނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރުއެވެ.

އަންނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރުއެވެ.
މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ޖުމްލަ ޢަދަދަކީ 59,704,440,795 ރުފިޔާއެވެ. ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ދައުލަތުގެ ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދެވެ. އެއީ 42.7 ބިލިއަން ރުފިޔާއެވެ. ތަރައްގީގެ މަޝްރޫއުތަކަށް ހިމެނޭ ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އާމްދަނީއަށް ބަލާއިރު، 2027 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ 2026 ވަނަ އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލާފައިވަނީ މައިގަނޑު 10 ދާއިރާއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ، އިގުތިސާދާއި ސިނާއީ ދާއިރާ، ދަރަނީގެ ގޮތުގައި ހަރަދުގެ ދާއިރާ، ދިފާއީ އަދި އަދުލު އިންސާފުގެ ދާއިރާ، ތައޫލީމީ ދާއިރާ، ޢާންމު ހިދުމަތްތަކުގެ ދާއިރާ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ އަދި ގެދޮރާއި ޖަމާއަތުގެ ފައިދާގެ ދާއިރާ ހިމެނެއެވެ. މި ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާއަށެވެ. އެއީ 10.6 ބިލިއަން ރުފިޔާއެވެ.