މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް އަންނަ އަހަރުގެ ބަޖެޓުގައި ބޮޑު އިސްކަމެއް
އަންނަ އަހަރަށް ލަފާކޮށް އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓުގައި، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ ހަރަކާތްތައް ފުޅާކޮށް ވަރުގަދަކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރުގެ ބަޖެޓު އިއްވަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ އިގުތިސާދީ މިނިވަންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުންނެވެ.
މިގޮތުން މަސްވެރިކަން ތަރައްގީކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން، 2027 ވަނަ އަހަރު ނިމެންވާއިރަށް އިތުރު 11،400 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މެރިކަލްޗަރގެ މަސައްކަތްތައް ފުޅާކުރުމަށް ރާވާފައިވާއިރު، ކޮންމެ ދުވަހަކު އަލަށް 550 ޓަނުގެ އައިސް އުފެއްދޭ މިންވަރަށް ގާބިލުކަން އިތުރުކުރުމަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާނެ ކަމަށްވެސް
ވަޒީރު
ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ފަރުމަސްވެރިންނަށް އަމާޒުކޮށްގެން ހިންގާ އައިސްޕްލާންޓްތައްވެސް ހިމެނިގެންދާނެއެވެ.
ހަމައެއާއެކު، ހުޅުމާލޭގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ބޮޑުކަންނެލި ބަންދުކުރާ މަރުކަޒުގެ އެހީގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ސީދާ ނަފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް މި ބަޖެޓުގައި ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.
އަދި ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދޭ ބާވަތްތައް ރާއްޖެއިން ބޭރުން ގެނައުން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކޮންޓްރޯލްކޮށް، ދިވެހި ދަނޑުވެރިން ކުރާ ބުރަ މަސައްކަތަށް އެކަށީގެންވާ ހައްޤު އަގު ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.