"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގައި ސޮއިކޮށްފި

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެފައިވާ ވައުދެއް

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ ސަރޙް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލް.އެލް.ސީ (ސަރޙް ގްރޫޕް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އަދި ސަރޙް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާ، ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓެވެ.

ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސަރޙް ގްރޫޕަކީ، 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނިފައިވާ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެފައިވާ ވައުދެކެވެ. އަދި މީގެ އިތުރުން "ވިޝަން 2040" ގެ ދުރު ރާސްތާ އިގުތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ. އިންޓަރނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަހައްދު ކެޕިޓަލައިޒްކުރުމަށް އެންމެ އެކަށޭނަ އެއް ސަރަހައްދެވެ.

މި މަޝްރޫއުގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮމަރޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން، ފަތުރުވެރިކަމާއި އެހެނިހެން ހިދުމަތްތައް އެކުލެވޭ ގޮތަށް ސަރަހައްދު ތަރައްގީކުރުން ހިމެނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގުތިސާދީ ހަރަކާތްތައް އިތުރުވެ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ވިއުގައިގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ ވަރުގަދަވެގެންދާނެއެވެ.

ފާއިތުވި އަހަރު ތަކުގައި އެކި ސަރުކާރުތަކުން އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅި ހަރުދަނާ ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭގޮތަށް ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް، އަދި އިގުތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެކެވެ.  

ދިވެހި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމައަށް ހިމާޔަތްކުރެވި، ދިވެހި އިގުތިސާދަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމެވެ. އަދި 2040 އާއި ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުމެވެ.

އެސްޓީއޯމޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓްއިހަވަންދިއްޕޮޅުސަރޙް ގްރޫޕްއިގުތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0