ރަސްމާލެ މަޝްރޫއު ހިންގަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް: ޑރ. މުއްޠަލިބު
މި މަޝްރޫއުން ޓެކުހާއި އާމްދަނީގެ ހިއްސާގެ ގޮތުގައި ދައުލަތަށް ދެމެހެއްޓެނިވި މާލީ މަންފާ ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި.
ރަސްމާލެ
މަޝްރޫއަކީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ހިންގާ މަޝްރޫއެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ރަސްމާލޭގައި
ވޯޓާފްރަންޓް މެރީނާއެއް ތަރައްގީކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް
އެމިރޭޓްސް - ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން
ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު 21ގައެވެ.
އެ އެއްބަސްވުމުގެ
ދަށުން އީގަލް ހިލްސްއިން ރަސްމާލޭގައި 8،800އަށް ވުރެ ގިނަ ޕްރޮޕަޓީ ތަރައްގީކުރުމަށް
ހަމަޖެހިފައިވާއިރު، އަމަލީ މަސައްކަތް ފެށުމުގެ މާ ކުރިން ވެސް ދައުލަތަށް މަންފާ
ލިބެން ފަށާނެ ކަމަށް ޑރ. މުއްޠަލިބު ވިދާޅުވެފައިވެއެވެ. އަދި މި މަޝްރޫއުން ދައުލަތަށް
7.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގައި ސަރުކާރުން ބަރޯސާވަނީ
އެއްފަހަރާ ނަގާ ފައިސާގެ ބަދަލުގައި ޓީޖީއެސްޓީއާއި، އާމްދަނީގެ ހިއްސާއާއި، ޕްރޮޕަޓީގެ
މުއާމަލާތްތަކުން ލިބޭ ދެމެހެއްޓެނިވި އާމްދަނީއަށެވެ.
އެގޮތުން، ފުރަތަމަ ވިއްކާ ތަންތަނުން
ކުންފުންޏަށް ލިބޭ އާމްދަނީގެ 10 ޕަސެންޓާއި، ތަންތަނުގެ މިލްކުވެރިކަން ބަދަލުކުރުމުގެ
މުއާމަލާތްތަކުން އިތުރު ހަތަރު ޕަސެންޓުގެ ފީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި ހިންގާ ކޮންމެ ހޮޓަލަކާއި، ފިހާރައަކާއި،
ހިދުމަތަކުން އެއްވެސް ލުޔެއް ދިނުމެއް ނެތި ޓީޖީއެސްޓީ ދައުލަތަށް ލިބޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ފުށިދިއްގަރު
ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ދޫކުރުމާ ދެކޮޅަށް
އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އިސްވެ ހުންނަވައިގެން ހޯމަ
ދުވަހު ހަރަކާތެއް ފައްޓަވާފައިވާއިރު، އިމްރާނާއި ސިޔާސީ އެހެން ފަރާތްތަކުގެ ތުހުމަތުތައް ދޮގުކުރައްވައި ޑރ. މުއްޠަލިބު
ވިދާޅުވީ، ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ ފަރާތްތަކަށް ނުދާނެ ކަމަށެވެ.