ދަރިން ބަލަން ގޭގައި ތިބޭ އަންހެނުންނަށް ފައިސާ ދޭންޖެހޭ: ފައްޔާޒު

އަންހެނުން ދަރިން ރަނގަޅަށް ނުބަލައިފި ނަމަ މުޖުތަމައު ހަލާކުވެދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި.

ދަރިން ބަލަން ގޭގައި ތިބޭ އަންހެނުންނަށް ފައިސާ ދޭންޖެހޭ: ފައްޔާޒު

ދަރިން ބެލުމަށް ގޭގައި ތިބޭ އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ފިރިމީހާ ނުވަތަ ދައުލަތުން އެ މީހުންނަށް ފައިސާ ދޭންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ މިއަދު ހުޅުމީދޫގައި ބޭއްވި ސިޔާސަތު ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުންނެވެ. 

އާއިލާތަކުގެ ތެރޭގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑުކުރުމުގައި މައިން އަދާކުރާ ދައުރު ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ގޭގައި ތިބެގެން ދަރިން ބަލަހައްޓާ އަންހެނުންނަށް މާލީ ގޮތުން އަގުވަޒަންކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. އަދި އެފަދަ އަންހެނުންނަށް ޕެންޝަނެއް ނަމަވެސް ލިބޭނެ ގޮތް ހަމަޖެހެންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިން ބޮޑުކުރުމުގައި މައިން އުފުލާ ޒިންމާއަށް އަލިއަޅުއްވާލައްވަމުން ފައްޔާޒު ވިދާޅުވީ، “ގިނަ އާއިލާތަކުގައި އަންހެނުން ކުދިން ބަލަން ގޭގައި ތިބޭ” ކަމަށާއި، “އެކުދިންގެ އުމުރުން 18 އަހަރު ވަންދެން ބަލަނީ އަންހެން މީހާ” ކަމަށެވެ. އަދި “18 އަހަރުވަންދެން ކުދިން ބަލައި ބޮޑުކުރަނީ މައިމީހާ” ކަމަށާއި އެ މަސައްކަތް ކުރަނީ ފިރިމީހާ ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، “އަންހެނުން ގޭގައި ތިބެ ދަރިން ރަގަޅަށް ބެލުމަކީ ފިރިހެނުންނަށް ވެސް އޮތް މުހިއްމު ކަމެއް” ކަމަށާއި، އެހެންކަމުން “އެމީހުންނަށް ޕެންޝަނެއް ނަމަވެސް ދޭން ޖެހޭ” ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހަމައެއާއެކު، ދަރިން ބަލައި ބޮޑުކުރުމަށް އުމުރު ހޭދަކުރާ އަންހެނުންނަށް ފަހުން ކުރިމަތިވާ ހާލަތާ ގުޅޭގޮތުން ވެސް ފައްޔާޒު ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން “ފިރިހެން މީހާ އުމުރުން 45 އަހަރު 50 އަހަރަށް ދާއިރު، ދިރިއުޅުމުގައި ކާމިޔާބީ އާ ހަމައަށް ދެވޭއިރު” އެ ކުދިން ބަލައި ބޮޑުކުރި މަންމަ ވަރިކޮށް އެއްލާލުމަށް ފަހު، ޅަކުއްޖަކާ ކައިވެނިކުރާ މަންޒަރު ފެންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން، އަންހެނުންގެ އަގުވަޒަންކޮށް ފިރިމީހާ ނުވަތަ ދައުލަތުން އެ މީހުންނަށް ފައިސާ ދޭންޖެހޭ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

އެމްޑީޕީފައްޔާޒު އިސްމާއީލްހުޅުދޫ
ގުޅުންހުރި ޚަބަރު
ކޮމެންޓް 0