ހުޅުދޫ ޑަބްލިއުޑީސީ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފި
ކުރިއަށް އޮތް އައްޑޫ ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނަގައި ނަން ތަރުތީބުކޮށްފިއެވެ.
މި އިންތިހާބުގައި ވާދަކުރަނީ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓާއި އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރަނީ ސ. ހުޅުދޫ، ސެލްޓަންގެ ފާޠިމަތު ނަބާހާ (ނައްބޫ)އެވެ. އެމްޑީޕީން ވާދަކުރަނީ ސ. ހުޅުދޫ، އަންބަރީގެ ފާޠިމަތު މުނީރެވެ.
ނަންތައް ތަރުތީބުކުރުމުން ޕީއެންސީގެ ކެންޑިޑޭޓް ނަބާހާ އަށް ލިބުނީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު މުނީރަށް ލިބުނީ ކެންޑިޑޭޓު ނަންބަރު ދޭކެވެ.
މި ފަހަރުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަން ބާއްވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވާތީއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ވ. ތިނަދޫ އަދި ސ. ހުޅުދޫގައެވެ.
މިއީ މި އަހަރު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެކި ސަބަބުތަކާހުރެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ.
ބައި-އިލެކްޝަނުގައި އައްޑޫ ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 2،903 އެވެ.
މި އިންތިހާބު އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.