އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީއަށާއި ހިންގުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 54 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ ނިމިގެން މިދާ އަހަރާ އަޅާބަލާއިރު ދެ ގުނަ ބޮޑު އަދަދެކެވެ.
އައްޑޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދެކުނުގެ އިޤްތިޞާދީ މައި ހަބެއްގެ ގޮތުގައި އެ އެއާޕޯޓު ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާ އިރު، މި ބަޖެޓަކީ އެއާޕޯޓުގެ ޚިދުމަތްތަކަށް ހިނގާނެ ޚަރަދުތަކަށް ކަނޑައެޅި ބަޖެޓެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެންމެ ފަހުން އާންމުކޮށްފައިވާ، އެ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ގަން އެއާޕޯޓުގެ މާލީ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު ގަން އެއާޕޯޓަށް އާމްދަނީގެ ގޮތުގައި 33 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، މިދިޔަ އަހަރުގެ އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެ، 94.4 މިލިއަން ރުފިޔާއަށް އަރާފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުންފުންޏަށް ލިބުނު އާމްދަނީ މިހާ ބޮޑަށް އިތުރުވެގެން ދިޔުމުގެ މައިގަނޑު ސަބަބަކީ އަދި އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކަށަވަރުކޮށްދިން ދާއިރާއަކީ ޖެޓް ފިއުލް ނުވަތަ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމުގެ ވިޔަފާރިއެވެ.
އައްޑޫ އެއާޕޯޓަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އަންނަ އަހަރަށް ކަނޑައެޅުނު 54 މިލިއަން ރުފިޔާގެ ބަޖެޓާއެކު އެއާޕޯޓުގެ އުމްރާނީ ތަރައްޤީ އަދި ވަސީލަތްތައް އިތުރަށް ފުރިހަމަވެ، ދެކުނުގެ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އައްޑޫ އެއާޕޯޓްގެ ބަޖެޓަށް 54 މިލިއަން، މިދިޔަ އަހަރަށް ވުރެ ދެ ގުނަ ބޮޑު

ކޮމެންޓް 0
