ސ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ، އިރާކް، އަބްދުﷲ ޝައުނު (19 އަހަރު) އެވެ.

 
އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ސ. މީދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޮކްޓޫބަރު 29 ވީ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނަކީ މީދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އަބްދުﷲ ޝައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަބްދުﷲ ޝައުނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.