ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ސަމާލުކަން ދޭންޖެހޭ: ފަސްޓް ލޭޑީ

"ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލް އަގުވާމީ ކޮންފަރެންސް" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
"ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލް އަގުވާމީ ކޮންފަރެންސް" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ދުޅަހެޔޮކަމެއް ނެތި، ހަގީގީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާނުކުރެވޭނެކަން ފާހަގަކުރައްވައި، ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަހަންމިއްޔަތުކަން ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި "ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލް އަގުވާމީ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، މީސްތަކުންގެ މެދުގައި އޮންނަ ގުޅުމާއި، އަދި އަދުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށްޓަކައި މުޖުތަމައަކުން ބިނާކުރަން އެދޭ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއް ކަމުގައެވެ. 

މިސަރަހައްދުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތައް އިތުރަށް ފާހަގަވަމުންދާ ކަމަށާއި، އޭގެ އަސަރު ހުރިހާ އުމުރެއްގެ، އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ފޯރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަމައެކަނި އެ ބަލި ހާލަތު ނޫން ކަމަށާއި، އޭގެ ވަށައިގެންވާ ހިމޭންކަމާއި، އަނެކުންގެ ފާޑުކިޔުންތަކަށް ގަންނަ ބިރުގެ ސަބަބުން، އެހީތެރިކަން ހޯދަން ފަސްޖެހުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. 

އެހެންކަމުން، އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ، އަދި ތަފާތުކުރުމާއި ބާކީކުރުމުގެ ބަދަލުގައި، އޯގާތެރިކަމާއި އެކަކު އަނެކަކަށް ވިސްނައިދިނުން އިސްކުރާ، މުޖުތަމައުތަކެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މައެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން، ކުދިންނާއި ޒުވާނުންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމާމެދު އެކަމަނާގެ އޮތް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ތައުލީމީ ގޮތުން ކުރިމަތިވާ ޕްރެޝަރުތަކާއި، މުޖުތަމައުގެ އުންމީދުތަކާއި، އާއިލީ ދަތިތަކުގެ އިތުރުން އިންޓަނެޓުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ، ޅަ ސިކުނޑިތަކަށް ބުރަ ބޮޑުކުރުވާ ކަންކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. 

ހަމަ އެފަދައިން، ނަފްސާނީ ނުތަނަވަސްކަމުގެ އަލާމާތްތައް ދެނެގަތުމާއި، ފާޑުކިޔުމެއް ނެތި އަޑުއެހުމާއި، އަދި އަޅާލުމާއެކު އިޖާބަދިނުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޒުވާނުންގެ ކިބައިގައި ނަފްސާނީ ހިތްވަރާއި ކެތްތެރިކަން އަށަގެންނެވުމަށް އެހީތެރިވުމުގެ ޒިންމާ ފެށެނީ އާއިލީ މާހައުލުން ކަމަށާއި، އެއަށްފަހު އެ ޒިންމާ ސްކޫލްތަކަށާއި މުޅި މުޖުތަމަޢަށް ފުޅާވެގެންދާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް، ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ގައުމީ ސިއްހީ އެޖެންޑާގެ ބައެއްގެ ގޮތުގައި ހިމަނައިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. 

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ތަސައްވުރު ކުޑަކުރުމަށާއި، ބަލީގެ ކުރީކޮޅުގައި އެހީތެރިކަން ހޯދުމަށް ހިތްވަރުދިނުމަށާއި، ރިފަރަލް ނިޒާމުތައް ހަރުދަނާކުރުމަށާއި، އަދި އަސާސީ ސިއްހީ ހިދުމަތުގެ ތެރޭގައި ނަފްސާނީ ސިއްހަތު ހިމެނުމަށް އިސްކަންދޭ 'ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025 އިން 2029' ގެ އިތުރުން، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ އެހީގެ ހާއްސަ ހެލްޕްލައިންގެ ދައުރު ފާހަގަ ކުރައްވާފައެވެ. 

އަދި މި ދާއިރާއިން ލިބޭ ކުރިއެރުން ވަޒަންކުރަންވާނީ ރަނގަޅުކުރެވޭ ދިރިއުޅުންތަކާއި، އާކޮށްދެވޭ އުންމީދުތަކުން ކަމަށާއި، އެއްވެސް މީހަކު ދިރިއުޅޭ ތަނެއްގެ ސަބަބުން އެމީހަކަށް ވަގުތުން ލިބެންޖެހޭ އެހީތެރިކަމުން މަޙްރޫމުވެގެން ނުވާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މިދާއިރާގައި ސައިކޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ނަރުހުންނާއި، ސޯޝަލް ވޯކަރުންނާއި، ތައުލީމީ ދާއިރާގެ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކާއި، އަދި ސިއްހީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ތައުލީމާއި، ފަންނީ ތަމްރީނާއި، ދިރާސާތަކުގެ ޒަރީއާއިން، ގައުމީ ފެންވަރުގައި ގާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ. 

މިއާއެކު، ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، އިތުރު ދިރާސާތައް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ފުރިހަމަ ފަރުވާ ދިނުމަށްޓަކައި، ކަމާބެހޭ އިލްމީ މައުލޫމާތު ހާސިލުވެފައި ހުރުމުގެ އިތުރުން، އަބަދުވެސް އިންސާނިއްޔަތުކަމާއެކު އެ ހިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅު ނިންމަވާލައްވަމުން، ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތަކަކީ، ގައުމެއްގެ ސަރަހައްދީ އިމަކަށް ބަލާކަމެއް ނޫންކަން ފާހަގަކުރައްވައި، ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ކޮންފަރެންސަކީ ދެމިގެންދާ ފަންނީ ގުޅުންތަކާއި، ގުޅިގެން ކުރެވޭ ދިރާސާތަކާއި، މީސްތަކުންގެ ދިރިއުޅުމަށް މާނަހުރި ހެޔޮ ބަދަލެއް ގެނެސްދޭނެ ޢަމަލީ މަސައްކަތްތަކަށް ހިތްވަރު ލިބިގެންދާނެ ކޮންފަރެންސެއް ކަމުގައި، އުންމީދު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރު 1 އިން 2 އަށެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންފަސްޓް ލޭޑީފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0