އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ނޮވެމްބަރު 4 ގައި ފަށަނީ

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތައް ގައުމީ މަންސައެއްގައި ބައްދަލުކުރުން

އޭއީއެޗްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް ނޮވެމްބަރު 4 ގައި ފަށަނީ

ދިވެހިރާއްޖެގެ އެކި ދާއިރާތަކުގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ހަރުދަނާކުރުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިންތިޒާމުކޮށްގެން "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް 2026" (އޯއެސްއެޗް ކޮންފަރެންސް 2026) ނޮވެމްބަރު 4 ވަނަ ދުވަހު ފަށާނެއެވެ.

މި ކޮންފަރެންސަކީ  ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންނާއި، ސިނާއަތްތަކުގެ އިސްވެރިންނާއި، ސަލާމަތީ ކަންކަމުގެ ފަންނީ މާހިރުން އަދި ކަމާބެހޭ އެހެނިހެން މުހިންމު ފަރާތްތައް އެއްތަންކޮށްދޭ ގައުމީ ފެންވަރުގެ ކޮންފަރެންސެކެވެ. 


މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ރައްކާތެރިވުމުގެ ސަގާފަތެއް ބިނާކުރުން" މިއެވެ. މި ޝިއާރުގެ ދަށުން، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތައް މިހާރަށް ވުރެ ހަރުދަނާކޮށް ތަންފީޒުކުރުމަށާއި، ފަންނީ ގާބިލުކަން އިތުރުކުރުމަށް މި ކޮންފަރެންސްގައި މަޝްވަރާ ބަދަލުކުރެވޭނެއެވެ.  މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ހިނގާ ހާދިސާތަކާއި ނުރައްކާތަކަށް ހުށަހެޅޭ މިންވަރު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހުރިހާ ސިނާއަތްތަކެއްގައި ދުރާލައި ރައްކާތެރިވުމުގެ ސަގާފަތެއް އަށަގެންނެވުމަށް ވެސް މި ޝިއާރުގެ ދަށުން ސަމާލުކަން ދޭނެއެވެ.

އުފެއްދުންތެރިކަމާއި، އިގުތިސާދީ ދެމެހެއްޓެނިވިކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތްތެރިންގެ އާބާދީއެއް އޮތުމަކީ އަސާސީ ކަމެއްގެ ގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ކޮންފަރެންސްގައި ފަންނީ ސެޝަންތަކާއި، މާހިރުންގެ ހުށަހެޅުންތަކާއި، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކުގެ އިތުރުން، އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން ހިމެނެއެވެ. އޭއީއެޗް އިން ބުނާ ގޮތުގައި މި ހަރަކާތްތައް މެދުވެރިކޮށް، މި ދާއިރާގައި ހުރި މައިގަނޑު ގޮންޖެހުންތަކާއި އަމަލީ ގޮތުން އިސްކަންދޭންޖެހޭ ކަންކަން ދެނެގަތުމާއެކު، ސަރުކާރާއި، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިން އަދި ސަލާމަތީ މާހިރުން ގުޅިގެން ފިޔަވަޅު އެޅުމަށް ބާރުއެޅުމަކީ ކޮންފަރެންސް ބޭއްވުމުގެ އަސްލު މަޤްސަދެކެވެ.

އޭއީއެޗްއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0