ކަޅުތުއްކަލާ ކޮށީ 15 ބުރީގެ އުމްރާނީ ބިނާގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މި އަހަރުގެ ރިޔާސީ ބަޔާނުގައި ސިފައިންގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކޮށް ވަސީލަތްތައް ގާއިމްކުރުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ މަޝްރޫއުގެ އެއްބަސްވުމުގެ ސޮއިކޮށްފިއެވެ.
ސިފައިންގެ ގާބިލްކަން އިތުރުކޮށް، ސިފައިންގ އޮޕަރޭޝަންތައް ހިންގުމަށްޓަކައި ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށްޓަކައި ސިފައިންގެ ތާރީހުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫޢު ' ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ'ގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ކޮންޓްރެކްޓްގައި ވަނީ ހިމަނާފައެވެ.
މިކަމަށްޓަކައި އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން، ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް، މިމަޝްރޫއުގެ އެއްބަސްވުމުގައި ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވުޒާރާގެ ނާއިބު، ފާތިމަތު މިޒްނާ ޢަލީއެވެ.
އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މރ. ޖޯ ވޭދޯން އެވެ.
ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އެ ވުޒާރާގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.