ޔުނެސްކޯގެ ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވަނީ
ޔުނެސްކޯގެ ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވާން ވަޒީރުންގެ މަޖިލީހުން
ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ، "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" ގައި ބައިވެރިވުމަށެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މިކަމަކީ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމާމެދު ޔުނެސްކޯއިން ވަނީ "ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިންގ ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކްޔޯ ކޮންވެންޝަން" ގެ ނަމުގައި ގައުމީ އެސެސްމަންޓެއް ހަދާފައެވެ.
މީގެއިތުރުން ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ވަނީ މިކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް މިޝަނެއް ކުރިއަށްގެންގޮސް، ދާއިރާގެ އެކިއެކި ފަރާތްތައް ހިމެނޭ ފޯކަސް ގްރޫޕްގެ ބައްދަލުވުންތަކެއްވެސް ބާއްވާފައިވެއެވެ.
ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި، މި މުއާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ބައިނަލްއަގުވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެއެވެ.
އަދި ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެއައުމަށް ފަސޭހަވެގެންދާނެއެވެ. މީގެއިތުރުން ބޭރަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް، ދިވެހިރާއްޖެއިން ބޭރަށްގޮސް ކިޔެވުމަށްފަހު ބޭރުގެ ސަނަދަކާއެކު ރާއްޖެއަށް އެނބުރި އައުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.