މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 13.9 އިންސައްތަ އިތުރުވެއްޖެ
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 13.9 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބު ރިޕޯޓް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މުދަލުގެ ޒަކާތުގެ ގޮތުގައި 29.86 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13.9 އިންސައްތައިގެ ކުރިއެރުމެކެވެ.
އެގޮތުން، މި އަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސްހިސާބު ރިޕޯޓުން ދައްކާގޮތުން، މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 29,856,552 ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި، މޯލްޑިވްސް ޒަކާތު ހައުސްއިންވަނީ ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޖުމްލަ 15,306,546.64 ރުފިޔާ ޒަކާތުގެ އެހީގެ ގޮތުގައި ބަހާފައެވެ. މީގެތެރެއިން، އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށެވެ. އެއީ 9.08 މިލިއަން ރުފިޔާއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާވަނީ ބަހާފައެވެ.