މަރަދޫ ސްކޫލުގެ މުދައްރިސް ތޯމަސްގެ ފެއަރވެލް ބާއްވައިފި
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކިޔަވައިދެއްވަމުން ގެންދަވާ ޝަނީޒް އެ ސްކޫލާ ގުޅިވަޑައިގަތީ 2022 ގައި
ސ. މަރަދޫ ސްކޫލުގެ އިންގްލިޝް ޑިޕާޓްމަންޓުގެ ހެޑް ޝަނީޒް ތޯމަސް އެ ސްކޫލުން ވަކިވެވަޑައިގަތުމާ ގުޅިގެން ވަދާއީ ހަފުލާއެއް ބާއްވައިފިއެވެ.
އެ ސްކޫލުން ބުނި ގޮތުގައި، މި ހަފުލާ ބާއްވާފައިވަނީ އޭނާ ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މުޅި ސްކޫލުގެ ފަރާތުންނެވެ. މި ހަފުލާ ނިންމާލާފައިވަނީ އެ ސްކޫލުގެ އެހެން ޓީޗަރުންގެ ޝުއޫރުތަކާއި ހެޔޮއެދުންތައް ހިމެނޭ ހާއްސަ ވީޑިއޯ މެސެޖުތަކެއް ދައްކާލުމަށް ފަހުގައެވެ.
2008 ވަނަ އަހަރު ރާއްޖޭގައި ކިޔަވައިދެއްވަން ފެއްޓެވި ޝަނީޒް އެ ސްކޫލާ ގުޅިވަޑައިގަތީ 2022 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރު އޭނާ ވަނީ އެ ސްކޫލުގެ އިންގްލިޝް އަދި ބިޒްނަސް ޑިޕާޓްމަންޓުގެ ލީޑިން ޓީޗަރުގެ މަގާމުވެސް އަދާކުރައްވައި، އެހެން ޓީޗަރުންނަށް އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން، ޝަނީޒްގެ އިސްނެންގެވުމުގެ ދަށުން އެ ސްކޫލުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަކީ، 2022 ވަނަ އަހަރު އެ ސްކޫލުގެ ފުރަތަމަ އޯލެވެލް ބެޗުގެ ދަރިވަރަކު އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދުން ކަމަށް އެ ސްކޫލުން ފާހަގަކުރިއެވެ. އަދި ދަރިވަރުންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކުވައިދޭ އެ ސްކޫލުގެ އެމްއެސް ނިއުސްލައިނަށް އޭނާ ކޮށްދެއްވި ހިދުމަތްތައްވެސް އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.