އިންކްލޫސިވް އެޑިއުކޭޝަން ތަމްރީނު ފުރިހަމަކުރި 8 މުދައްރިސަކަށް މަރަދޫ ސްކޫލުން ސަނަދު ދީފި
105 ގަޑިއިރުގެ މި ޕްރޮގްރާމް، ސްކޫލުގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ވެސް ފުރިހަމަކުރެއްވި
އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކުރި އަށް މުދައްރިސަކަށް އައްޑޫ ސިޓީގެ މަރަދޫ ސްކޫލުގެ ފަރާތުން ސަނަދު ދީފިއެވެ.
މަރަދޫ ސްކޫލުން ބުނި ގޮތުގައި، މި ސަނަދުތައް ހަވާލުކޮށްފައިވަނީ އެ ސްކޫލުގެ 33 ވަނަ ހަފުތާގެ ސެޝަން ބައްދަލުވުމުގެ ތެރެއިންނެވެ.
މި ތަމްރީންގައި ބައިވެރިވީ މުދައްރިސުން ފުރިހަމަކޮށްފައިވަނީ ޖުމްލަ 105 ގަޑިއިރުގެ އީޕީޑީޕީ-އީއައި ޕްރޮގްރާމް އޮން އިންކްލޫސިވް އެޑިއުކޭޝަން (އީޕީޑީޕީއީއައި) ތަމްރީނެވެ.
މި ތަމްރީނު ފުރިހަމަކުރި ބައިވެރިންގެ ތެރޭގައި އެ ސްކޫލުގެ ޕްރިންސިޕަލް ހުސައިން މުސައްވިރު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޕްރިންސިޕަލް ހުސައިން މުސައްވިރު މި ޕްރޮގްރާމް ފުރިހަމަކުރެއްވުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި އުނގެނުމަށް އިސްކަންދެއްވައިގެން ނަމޫނާ ދެއްކެވުމުގެ ގޮތުން ހޯއްދެވި ކާމިޔާބީއެއް ކަމަށް ސްކޫލުން ފާހަގަކުރިއެވެ.
އަދި މި ތަމްރީނުގެ ސަބަބުން ހުރިހާ ކުދިންނަށް ވެސް ކުރިއަށްދެވޭނެ ފަދަ، އެންމެން ޝާމިލުވާ އުނގެނުމުގެ މާހައުލެއް ގާއިމުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.