އައްޑޫ ގަމުން މީދޫއާއި ހުޅުދޫއަށް ސްޕީޑް ފެރީ ދަތުރުތައް ޑިސެންބަރު 1 ގައި ފަށަނީ
އެމްޓީސީސީއިން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން، އެއްފަސްކޮށް އޮންނަ ހުޅުދޫއާއި މީދޫ ހިއްސާކުރާ ބަނދަރަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ގަމުން ސްޕީޑް ފެރީގެ ހަތަރު ދަތުރުކުރާނެ.
އައްޑޫ ހުޅުދޫއާއި މީދުއަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ފެރީގެ ދަތުރުތައް އަންނަ ޑިސެންބަރު މަހުގެ 1 ވާ އަންގާރަ ދުވަހު ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި ދަތުރުތަކާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، ހުޅުމީދުއަށް އަލަށް ތައާރަފުކުރާ މި ރޫޓުގެ ސަބަބުން ދަތުރުފަތުރުގެ ކަންކަން އިތުރަށް ފަސޭހަވެ، ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ލިބޭނެ ކަމަށެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން، އެއްފަސްކޮށް އޮންނަ ހުޅުދޫއާއި މީދޫ ހިއްސާކުރާ ބަނދަރަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ގަމުން ސްޕީޑް ފެރީގެ ހަތަރު ދަތުރުކުރާނެއެވެ.
މި ދުވަސްތަކުގައި ގަމުން ފެރީ ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:05، މެންދުރު 11:35، މެންދުރުފަހު 15:05 އަދި ރޭގަނޑު 20:20 ގައެވެ.
މީގެ އިތުރުން، ހުކުރު ދުވަހުވެސް ގަމުން އެ ދެ ރަށަށް ސްޕީޑް ފެރީގެ ތިން ދަތުރުކުރުމަށް ވަނީ ތާވަލުކޮށްފައެވެ. އެ ދުވަހު ދަތުރުތައް ފަށާނީ ހެނދުނު 9:05، މެންދުރުފަހު 15:05 އަދި ރޭގަނޑު 20:20 ގައެވެ.
އެމްޓީސީސީގެ ތާވަލުގައިވާ ގޮތުން މި ރޫޓުގެ ކޮންމެ ދަތުރަކަށް ހޭދަވާނީ 21 މިނެޓެވެ.