މަސްވެރިންގެ ދުވަހާ ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް 05 ޑިސެމްބަރ 2026 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ
ވުޒާރާއިން ބުނެފިއެވެ.
މާލެސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 (ވިހި) ޓީމަށެވެ. ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދު މިހާރު ވަނީ އާންމުކޮށްފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 23 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައިވެސް ފަރުމަސްވެރިކަމުގެ މުބާރާތަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައެވެ.