ގެސްޓްހައުސް ވިޔަފާރިއާއި އައިލެންޑް ޓޫރިޒަމަށް 301 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ހަމަޖައްސައިދީފި
މީގެތެރެއިން 44 އިންސައްތަ ހާއްސަކޮށްފައިވަނީ އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް.
ގެސްޓްހައުސް ވިޔަފާރިއާއި އައިލެންޑް ޓޫރިޒަމަށް 301 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ހަމަޖައްސައިދީފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އެކްސްގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު 30 ގެ ނިޔަލަށް މި ފައިނޭންސިންގ ހަމަޖައްސައިދީފައިވަނީ ގެސްޓްހައުސްތަކަށާއި ގެސްޓްރޫމްތަކުގެ އިތުރުން ތިޖާރާ ރަށު ފަތުރު ސްކީމުގެ ދަށުންނެވެ.
އެގޮތުން، މި މުއްދަތުގެ ތެރޭގައި ހަމަޖައްސައިދީފައިވާ ފައިނޭންސިންގެ 44 އިންސައްތަ ދޫކޮށްފައިވަނީ އެންމެ އިސްކަންދޭ ފަރާތްތަކަށެވެ. އޭގެތެރޭގައި އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ފަތުރުވެރިކަމުގެ ވިޔަފާރިތައް ހިމެނެއެވެ.
ވުޒާރާއިން ބުނީ، އައިލެންޑް ޓޫރިޒަމާއި ހޯމްސްޓޭ ވިޔަފާރިތަކުގެ ކުޑަބޮޑުމިނަށް ފެތޭ ގޮތަށް ތިން ބާވަތެއްގެ ފައިނޭންސިން ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކާއި، ޑައިވިން އަދި މޫދު ކުޅިވަރުގެ މަރުކަޒުތަކަށް ހާއްސަކޮށްގެން، 9.5 އިންސައްތައިގެ ރޭޓުގައި 10 އަހަރަށް ބަހާލައިގެން 5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ އިސްލާމީ އުސޫލުގެ ތިޖާރާ ރަށު ފަތުރު ހިމެނެއެވެ.
މީގެ އިތުރުން، ހަ ކޮޓަރި ނުވަތަ އެއަށް ވުރެ ގިނަ ކޮޓަރި ހުންނަ ތަންތަނަށް 15 އަހަރުގެ މުއްދަތަށް 10 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ގެސްޓްހައުސް ފައިނޭންސިންއާއި، އެއް ކޮޓަރިއާއި ފަސް ކޮޓަރިއާ ދެމެދުގެ ހޯމްސްޓޭތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ގެސްޓްރޫމް ފައިނޭންސިން ހިމެނެއެވެ.