އައްޑޫއިން ޓޯޗަރގެ 5 ޝަކުވާއެއް ހުށަހެޅި: އެޗްއާރްސީއެމް
އައްޑޫ ސިޓީ އިން ޓޯޗާގެ 5 ޝަކުވާއެއް ހުށަހަޅައިފައިވާކަން ހާމަވެއްޖެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި 5 ޝަކުވާ ހުށަހަޅާފައިވަނީ އައްޑޫ ސިޓީ އިންނެވެ. އަދި މައްސަލަތައް އެ ކޮމިޝަނުން ވަނީ ތަހުގީގުކުރަން ނިންމައިފައެވެ.
މިއީ ފުލުހުންގެ ބަންދުގައި ތިބި މީހުންގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ.
އެޗްއާރްސީއެމުން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގެ ތެރޭގައި ޓޯޗަރ އާއި ގުޅޭ ޖުމްލަ 71 މައްސަލައެއް ތަހުގީގުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެ މައްސަލަތަކާއި ގުޅިގެން އަޅައިފައިވާ އެއްވެސް ފިޔަވަޅެއް ރިޕޯޓުގައި ހިމަނައިފައި ނުވެއެވެ.
އެ ކޮމިޝަނުގެ ރިޕޯޓުން އެނގޭ ގޮތުގައި ތަހުގީގުކުރަން ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައާއި ކ. އަތޮޅުގައެވެ. މާލެ ސަރަހައްދާއި ކ. އަތޮޅު ފިޔަވައި، ތަހުގީގުކުރަން ނިންމި މައްސަލަތައް ދެވަނައަށް އެންމެ ގިނަ ސަރަހައްދަކީ އައްޑޫ ސިޓީއެވެ. އެގޮތުން އެ މުއްދަތުގައި އައްޑޫ ސަރަހައްދުން ހުށަހެޅުނު 5 މައްސަލައެއް ތަހުގީގުކުރަން ނިންމައިފައިވެއެވެ.
އެޗްއާރްސީއެމް އިން ޓޯޗަރގެ މައްސަލަތައް ތަހުގީގުކުރަނީ އެންޓި ޓޯޗަރ ޤާނޫނުގެ ދަށުންނެވެ. އެ ޤާނޫނަކީ ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ކޮންމެ އިންސާނަކީ އިންސާނަކަށް ވީތީ ލިބިގެންވާ އިންސާނީ ކަރާމާތެއްގެވެރި މީހެއްކަމުގައި ބަލައިގަނެ، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާއި، ކޮންމެ ޙާލަތެއްގައިވެސް އިންސާނީ ހައްޤުތަކަށް އިޙްތިރާމްކުރާނެކަން ކަށަވަރުކުރުމަށް ވުޖޫދުކުރެވިފައިވާ ޤާނޫނެކެވެ.
އެ ޤާނޫނުގެ ދަށުން ޓޯޗަރގެ ޢަމަލު މީހަކާމެދު ހިންގި މީހާގެ އިތުރުން އެ ޢަމަލު ހިންގުމުގައި ބައިވެރިވި މީހާއާއި އެ ޢަމަލު ހިންގުމުގައި އެހީތެރިވި މީހާވެސް ބެލޭނީ ޓޯޗަރގެ ޢަމަލު ހިންގި މީހެއް ގޮތަށެވެ.