މޫސުމީ ނުރައްކާތަކަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް
މި ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ ސަރަހައްދީ މެޓް އޮފީސްތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފަ.
މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބޭނުންވާ މައޫލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ހާއްސަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ފަށައިފިއެވެ.
މި މަހުގެ 22 އިން 26 އަށް މެޓް އޮފީހުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ހިންގަނީ ޑަބްލިއު.އެމް.އޯ އަދި ސްޕެއިންގެ ޔުނިވާސިޓީ ރޮވީރާ އީ ވިރްގިލީގެ ސެންޓަރ ފޯ ކްލައިމެޓް ޗޭންޖްގެ ތަޖުރިބާކާރުންނެވެ.
މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ޑަބްލިއު.އެމް.އޯ އިން ތާއީދުކުރާ އޯޕަން ސޯސް ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކަށް ހާއްސަ މޫސުމީ އިންޑެކްސްތައް ހިސާބުކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރ އެއް ކަމަށްވާ "ކްލައިމްޕެކްޓް" (Climpact) އާއި، ދުނިޔެއާއި ސަރަހައްދީ މޫސުމީ މޮޑެލްތަކުން ތައްޔާރުކޮށްފައިވާ އިންޑިކޭޓަރުތައް ބެލުމަށް އެހީތެރިވެދޭ "ކްލައިމެޓް އިންފޮމޭޝަން ޕޯޓަލް" (CIP) ހިމެނެއެވެ.
މީގެ އިތުރުން "ކްލައިމެޓް ސައިންސް އިންފޮމޭޝަން ފޯ ކްލައިމެޓް އެކްޝަން" (CSICA) ގެ މެތޮޑޮލޮޖީއަށް ވެސް މި ތަމްރީނުގައި ޚާއްޞަ ސަމާލުކަމެއް ދެވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މޫސުމީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް، އެކި ދާއިރާތަކުން ނިންމާ ނިންމުންތަކަކީ މޫސުމީ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކަކަށް ހެދުމަށް މަގުފަހިކުރުމެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ "ޓުވާޑްސް ރިސްކް-އަވެއާ އެންޑް ކްލައިމެޓް-ރެޒިލިއަންޓް ކޮމިއުނިޓީސް" (ޓްރެކްޓް) މަޝްރޫއުގެ ދަށުން، ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއީ ރާއްޖޭގެ މޫސުމީ ހިދުމަތްތަކާއި، ކުރިމަތިވެދާނެ ނުރައްކާތަކުގެ ކުރިން އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ ސަރަހައްދީ މެޓް އޮފީސްތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.