ގަން އެއަރޕޯޓުގައި އައު ރާޑަރާއި މެޓް އޮފީސް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި
އައު ރާޑަރާއި މެޓް އޮފީސް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، ގަން އެއަރޕޯޓުގައި މޫސުމާ ބެހޭ އައު އޮފީހަކާއި، އެންމެ ޒަމާނީ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރެއް ބެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ބިން ސާފުކުރުމާއި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ނިމުމާއެކު، އައު މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.
އައްޑޫ އެއާޕޯޓުގައި އަލަށް ގާއިމުކުރާ އެސް-ބޭންޑް ޑޮޕްލަރ ވެދަރ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ ރައްޔިތުންނަށް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ޒަމާނީ ވަސީލަތެކެވެ.
މީގެއިތުރުން، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމުން، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ ހިދުމަތްތައް ލާމަރުކަޒީކޮށް، ދެކުނުގެ ސަރަޙައްދުގައި މޫސުމީ މައުލޫމާތު އެއްކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.