އައްޑޫ ރައްޔިތުންނަށް ބިލް ކުރަން ފަށާނީ އަންނަ މަހު: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީއިން ބުނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ހުޅުދޫ، މީދޫގައި މިހާރު ނަގަމުންދާ މީޓަރު ރީޑިންގްތަކަކީ މި އައު މަރުހަލާގެ ފެށުމުގެ ގޮތުގައި ބަލާނެ ރީޑިންތައް ކަމަށް

އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.
އައްޑޫ ސިޓީ މަތިން ނަގާފައިވާ ފޮޓޯއެއް.

އައްޑޫ ސިޓީގައި ފެނުގެ ހިދުމަތަށް ބިލްކުރުމުގެ އައު މަރުހަލާގެ ދަށުން، ފުރަތަމަ ބިލްތައް ކަސްޓަމަރުންނަށް ފޮނުވަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ ބިލިންގ ސައިކަލުގައި ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. 

އެމްޑަބްލިއުއެސްސީއިން ބުނީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ހުޅުދޫ، މީދޫގައި މިހާރު ނަގަމުންދާ މީޓަރު ރީޑިންގްތަކަކީ މި އައު މަރުހަލާގެ ފެށުމުގެ ގޮތުގައި ބަލާނެ ރީޑިންތައް ކަމަށެވެ. އަދި އަންނަ މަހު ކަސްޓަމަރުންނަށް ލިބިގެންދާ ފުރަތަމަ ބިލުގައި ހިމެނޭނީ މި ފުރަތަމަ ރީޑިން އަށް ފަހު ބޭނުންކުރެވޭ ފެނުގެ މިންވަރަށް އަރާ އަގުކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުނެފައިވެއެވެ.

މީޓަރު ރީޑިންގ ނެގުމުގެ މަސައްކަތް ނިމުމުން، ކޮންމެ ކަސްޓަމަރަކަށްވެސް ފުރަތަމަ ރީޑިންގެ ގޮތުގައި ރެކޯޑުކުރެވުނު އަދަދު އެސްއެމ.އެސް މެދުވެރިކޮށް ފޮނުވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި ބަދަލާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސަރވިސް ނަންބަރު 1575 އަށް ގުޅުމަށް އެދިފައިވާއިރު، މި އައު މަރުހަލާ ފެށުމުގައި ރައްޔިތުންނާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ކެތްތެރިކަމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކުރީން ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ ހިމެނޭހެން، ދެމުންއައި ފެނާއި ނަރުދަމާ ހިދުމަތްތަކާ އެމްޑަބްލިއުއެސްސީ އިން ރަސްމީކޮށް ހަވާލުވެފައިވަނީ މި އޮކްޓޫބަރު މަހުގެ 1 ގައެވެ.

އައްޑޫ ސިޓީއައްޑޫއެމްޑަބްލިއުއެސްސީފެންމާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީފެން ބިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0