އައްޑޫ މީދޫ ޑަބްލިއުޑީސީ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލްގައި ފެލްކަންސްއާ މައިލޯ ސިޓީ ބައްދަލުކުރަނީ

އައްޑޫ މީދޫ ޑަބްލިއުޑީސީ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލްގައި ފެލްކަންސްއާ މައިލޯ ސިޓީ ބައްދަލުކުރަނީ

އައްޑޫ މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ މީދޫ ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމެންޓް 2026" ގެ ފައިނަލުގައި ފެލްކަންސްއާ މައިލޯ ސިޓީ ސްޕޯޓްސް ކްލަބު ބައްދަލުކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ފައިނަލުން ފެލްކަންސް ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 18-7 އިން ކްލަބް ޗެލެންޖާސް ބަލިކޮށްގެންނެވެ. ފައިނަލުގެ ފަހު ޖާގަ މައިލޯ ސިޓީ ސްޕޯޓްސް ކްލަބު ކަށަވަރުކުރީ، ދެވަނަ ސެމީގައި ވާދަވެރި ކުޅުމަކަށްފަހު ޓީމް ހުއަނގު އަތުން 12-10 އިން ހޯދީ މޮޅާއެކުއެވެ.

މުޅިއެކު ހަ ޓީމުގެ މެދުގައި ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ދެ ގްރޫޕުގެ އެއްވަނަ މަގާމު ހާސިލްކުރީވެސް މި ދެ ޓީމެވެ. މި ދެ ޓީމުގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރީ ހުއަނގު، ސީނު ސްޕޯޓްސް، ކްލަބް ޗެލެންޖާސް އާއި ލަވެންޑާއެވެ.

މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައެވެ. މި މެޗު ކުރިއަށްދާނީ އައްޑޫ މީދޫ ޓާފް ދަނޑުގައެވެ.

އައްޑޫ މީދޫގެ އަންހެނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ ތަށި ހޯދުމަށް ދެ ޓީމުންވެސް ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރުވަމުން އަންނައިރު، މި މެޗު ބަލާލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ހާޒިރުވުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

އައްޑޫ ސިޓީއައްޑޫއައްޑޫ މީދޫއައްޑޫ މީދޫ ޑަބްލިއުޑީސީހޭންޑްބޯޅަހޭންޑްބޯޅަ މުބާރާތް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0