ކޮމިއުނިޓީ ހެލްތު އިވެންޓާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި ނާސިންގ ދަރިވަރުން މަޝްވަރާކޮށްފި
އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޖުތަމައުގެ ދުޅަހެޔޮކަން ކުރިއެރުވުމުގެ ހާއްސަ ހަރަކާތް، "ވެލްނެސް ވޭވް: ސާފިންގ ތްރޫ ދަ ވޭވްސް" އާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި ނާސިންގ ކޯހުގެ ސެމެސްޓަރ 8 ގައި ކިޔަވަމުންދާ ދަރިވަރުން ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މި އިވެންޓުގެ މަގުސަދުތަކާއި، ކުރިއަށްގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކައުންސިލާއި ދަރިވަރުންނާ ގުޅިގެން ކުރެވޭނެ ކަންކަމުގެ މައްޗަށެވެ.
މިއީ އުމުރުން 14 އަހަރުން ދަށުގެ ކުޑަކުދިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، އެކަންކަން ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ.
އެގޮތުން، ކުދިން ޝައުގުވެރިވާނެ ފަދަ އިންޓަރެކްޓިވް އެކި ހަރަކާތްތަކެއް މި އިވެންޓުގެ ތެރެއިން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ޖިސްމާނީ ދުޅަހެޔޮކަމާއި ކަސްރަތު، ރަނގަޅު ކާނާއާއި ހަށިގަނޑަށް ބޭނުންވާ ފެން ބުއިމުގެ އާދަތައް، ނަފްސާނީ ދުޅަހެޔޮކަން، އަދި އަސާސީ އެންމެ މުހިންމު އެއް ކަންތައް ކަމަށްވާ، ސިއްހީ ސްކްރީނިންގ ހިމެނެއެވެ.
މީގެ އިތުރުން ސިއްހީ މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމާއި، މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ވެސް މި އިވެންޓުގައި ހިމެނޭނެއެވެ.