ޔޮޓް މެރީނާގެ މަސައްކަތް ނުފެށުނު، އެއްބަސްވުން އުވާލަން ނިންމައިފި

އައްޑޫ ސިޓީ ކައުންސިލުން ވަނީ ޔޮޓް މެރީނާގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފަހުގެ ނޯޓިސް ފޮނުވައިފައި.

އައްޑޫ ސިޓީ ފޭދޫގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލެއް ޤާއިމްކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ކައުންސިލުން ސޮއިކުރި ރަސްމިއްޔާތު. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ފޭދޫގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލެއް ޤާއިމްކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ކައުންސިލުން ސޮއިކުރި ރަސްމިއްޔާތު. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ފޭދޫގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލެއް ޤާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާއި އައްޑޫ ކައުންސިލުން ހަވާލުކުރިތާ 3 އަހަރު ވެގެންދާއިރު މަސައްކަތް ފެށިފައި ނުވާތީ، އެ ކުންފުންޏާއި އެކު އެކުލަވާލި އެއްބަސްވުން އުވާލަން ކައުންސިލުން ނިންމައިފިއެވެ. 

އައްޑޫ ސިޓީ ފޭދޫގައި ޔޮޓް މެރީނާ އަކާއި ކްރޫޒް ޓާމިނަލެއް ޤާއިމްކުރުމަށް އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއްބަސްވުމުގެ ދަށުން 28 ހާސް އަކަފޫޓުގެ ބިމެއް އެފަރާތަށް ހަވާލުކުރިއެވެ.  އެހެން ނަމަވެސް އެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައި ނުވެއެވެ. 

އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މަސައްކަތް ހަވާލުކުރި ކުންފުނިން ޑީޓެއިލްޑް ކުރެހުންތައް ވެސް ހުށަހަޅާފައި ނުވެއެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ކުރެހުންތައް ހުށަހެޅި ނަމަ، 2026 ޖޫން އިން ފެށިގެން ކުލިދައްކަން ފަށަން ޖެހޭނެއެވެ. އެއްބަސްވުމުގައި އަކަ މީޓަރަކަށް އަހަރު 1 މިިލއަން ޑޮލަރުގެ ކުލި ކަނޑައަޅާފައި ވިޔަސް، ކުރެހުން ހުށަނާޅާ ނަމަ ކުލި ނަގަން ނުފަށާނެއެވެ.

އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން މަސައްކަތް ފަށައިފައި ނުވާއިރު، ކައުންސިލުން މިހާރު ވަނީ އެއްބަސްވުން އުވާލަން ނިންމައި ފަހުގެ ނޯޓިސް ފޮނުވައިފައި ކަން  ކައުންސިލްގެ މީޑިޔާ އޮފިޝަލް ސުހާ މިއަދު އައްޑޫޕްލަސް އަށް ކަށަވަރުކޮށްދީފައިވެއެވެ.

ސުހާ ވިދާޅުވީ، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ، ކައުންސިލުން މިހާރު ފަހުގެ ނޯޓިސް ފޮނުވާފައިވާނެ ކަމަށާއި (އެއްބަސްވުން ބާތިލްކުރުމަށްފަހު) ފަހުން އިއުލާން ކުރާނެ ކަމަށެވެ. 

ގުޅުންހުރި ޚަބަރު
ކޮމެންޓް 0