މަގާމުން އިސްތިއުފާދެއްވަން އުޅުއްވާކަމުގެ ވާހަކަތައް އިންފަންޓީނޯ ދޮގުކުރައްވައިފި
އިތުރު ދައުރަކަށް ކުރިމަތިލައްވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތާއީދު އޮތް ކަމަށް ވިދާޅުވި
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، ޖިއާނީ އިންފަންޓީނޯ އެކަން މުޅިން ދޮގުކުރައްވައިފިއެވެ.
އަދި މަގާމު ދޫކޮށްލައްވަން އުޅުއްވާ ކަމަށް ފެތުރެމުންދާ އަޑުތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ.
މީގެ އިތުރުން، ފީފާގެ ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، ބައިނަލްއަގުވާމީ ފުޓްބޯޅަ މުޖުތަމައުގެ ވަރަށް ބޮޑު ތާއީދެއް އޭނާއަށް އޮތްކަން އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.
އަދި ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ މި އިތުބާރާއި ފުރިހަމަ ތާއީދާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ، އިންފަންޓީނޯއަށް ތާއީދުކުރައްވައި، މުޅި އޭޝިއާ ބައްރު އޮތީ އޭނާއާއެކު އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
"އަހަރެން މި މަގާމަށް އިންތިހާބުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 211 މެންބަރު އެސޯސިއޭޝަނުން. އަހަރެން ގަބޫލުކުރާ ގޮތުގައި، ފީފާ ފަދަ ބޮޑު ޖަމިއްޔާއެއްގައި ހިޔާލުތަފާތުވުންތަކާއި އެކި ކަންކަމާމެދު ދެކޭގޮތް ތަފާތުވުމަކީ މުހިންމު ކަމެއް." ބީބީސީއަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވިއެވެ.
އެހެންނަމަވެސް، ޑިމޮކްރަސީއާއި، ޑިމޮކްރަޓިކް ހަމަތަކާއި، ދުނިޔޭގެ ކޮންމެ މެންބަރަކަށް ވެސް ހަމަހަމަކަމާއެކު އެއް ވޯޓާއެކު އެފަރާތެއްގެ އަޑު އުފުލޭނެކަން އަހަރެމެން އިހުލާސްތެރިކަމާއެކު ގަބޫލުކޮށް، ފުޓްބޯޅައަކީ އެންމެންގެވެސް ހައްގެއް ކަމަށް ދެކޭނަމަ ބޮޑު އަޣުލަބިއްޔަތެއްގެ ވިސްނުމާއި ނިންމުމަށް އިހުތިރާމްކުރަންވާނެ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.
"ޓޯކިއޯއިން މިއައީ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ ފުރިހަމަ ތާއީދު އެތަނުން ލިބުނު. އޭގެ އިތުރުން ކާބޯވާޑޭއަށް ކުރި ދަތުރުގައި އެފްރިކާގެ ހުރިހާ ގައުމަކުން ވަނީ އަހަރެންނަށް ތާއީދު އޮތްކަން ހާމަކޮށްފައި. އަދިވެސް އަހަރެން މިދަނީ މުޅި ދުނިޔޭގެ ހުރިހާ އެސޯސިއޭޝަންތަކަކާ ބައްދަލުކޮށް މަޝްވަރާކުރަމުން." އިންފަންޓީނޯ ވިދާޅުވިއެވެ.