ފީފާ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް: ފަހު މެޗުގައި ރާއްޖޭގެ ޒުވާން ޓީމަށް ތާރީހީ ކާމިޔާބީއެއް
އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގައި ފަހު މެޗުގައި ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް، ރާއްޖޭން ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
މުބާރާތުގެ "ޓިއަރ އީ" ގައި ވާދަކުރަމުން ރާއްޖޭން މި މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މި ތާރީހީ ކާމިޔާބީއާއެކު ރާއްޖޭން މުބާރާތް ނިންމާލީ 189 ޓީމުގެ ތެރެއިން 159 ވަނައިގައެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، ރާއްޖެއަށް ފަސް މެޗުން ލިބުނީ އެއް ޕޮއިންޓެވެ. އެއަށްފަހު، ދެން ވާދަކުރަން ޖެހުނު "ޓިއަރ އީ" ގައި އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ މޮޅުވެފައެވެ. މި ބުރުގައި ކުޅުނު ފަސް މެޗުގައި ވެސް ރާއްޖޭން ރަނގަޅު ކުޅުމެއްދައްކައި، ކުރިއެރުން ހޯދާފައިވެއެވެ.
މެޗުތަކުގެ ނަތީޖާއަށް ވުރެ ބޮޑަށް، މި މުބާރާތަކީ ދުނިޔޭގެ ފެންވަރުގައި ވާދަކުރުމަށާއި، ދަސްކުރުމަށާއި އަދި ކުރިއެރުން ހޯދުމަށް ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ލިބުނު އަގުނުކުރެވޭ ފަދަ މުހިންމު ފުރުސަތެކެވެ.
މިއީ އެކުދިންގެ ކެރިއަރުގައި ފައިދާކުރާނެ ތަޖުރިބާއެއްގެ އިތުރުން، އެ ކުޅުންތެރިންގެ ފުޓްބޯޅަ ހަޔާތުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.