ޗައިނާގެ މައްސަލައިގައި ރެއާލާއި އެމްބާޕޭ މައާފަށް އެދުމުން އެކަމުން އަރައިގަނެވިއްޖެ: މޮރީނިއޯ

ރެއާލްގެ ކޯޗު، ހޯސޭ މޮރީނިއޯ (ވ) އާއި އެ ޓީމުގެ ފޯވާޑް، ކީލިއަން އެމްބާޕޭ. ފޮޓޯ: ރޮއިޓާސް
ރެއާލްގެ ކޯޗު، ހޯސޭ މޮރީނިއޯ (ވ) އާއި އެ ޓީމުގެ ފޯވާޑް، ކީލިއަން އެމްބާޕޭ. ފޮޓޯ: ރޮއިޓާސް

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގަކީ "ޑިކްޓޭޓަރެއް" ކަމަށް ބުނެ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ދެއްކި ވާހަކަތަކާ ގުޅިގެން ރެއާލް މެޑްރިޑާއި އޭނާ މައާފަށް އެދުމުން، އެ މައްސަލައިގައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އެޅިފައިވާ ކަމަށް އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އެމްބާޕޭގެ މި ވާހަކަތަކާ ގުޅިގެން މި ހަފުތާގައި ރެއާލް މެޑްރިޑާއި އެމްބާޕޭގެ އިތުރުން ލަލީގާއިން ވެސް ވަނީ މައާފަށް އެދިފައެވެ. އަދި މި މައްސަލައިގެ ސަބަބުން ސްޕެއިންގެ ފުޓްބޯޅައަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ ކްރައިސިސް ޔުނިޓެއް އެކުލަވާލައި، ބުދަ ދުވަހު ޗައިނާގެ ސަފީރު ޔާއޯ ޖިންގްއާ ވެސް ބައްދަލުކުރައްވާފައެވެ.

އެމްބާޕޭ ދެއްކި ވާހަކަތަކާ ގުޅިގެން ޗައިނާގެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައިވާއިރު، ޗައިނާ ކުންފުނިތަކާއެކު ހަދާފައިވާ އޭނާގެ ވިޔަފާރި އެއްބަސްވުންތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އެގޮތުން ޗައިނާގެ ކުންފުނިތައް ކަމަށްވާ މެންގްނިއު، ޝަންހާއީ މިލްކްގްރައުންޑް ފުޑް ޓެކް އަދި އީސްޓްރޮކް ބެވަރޭޖުން ވަނީ އެމްބާޕޭއާއެކު އޮތް ޕާޓްނަޝިޕްތައް ހުއްޓާލާފައެވެ.

މީގެ އިތުރުން، އާދީއްތަ ދުވަހު ރޭސިން ސަންޓަންޑާ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗު ދެއްކުން ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު 'މިގޫ' އިން ވަނީ ކެންސަލްކޮށްފައެވެ. 1949 އިން ފެށިގެން 1976 ގައި އަވަހާރަވުމާ ހަމައަށް ޗައިނާ ވެރިކަން ކުރެއްވި މާއޯއަށް ނިސްބަތްކޮށް މަލާމާތްކުރުމަކީ އެ ގައުމުގައި މަނާ އަދި ނާޒުކު މައްސަލައެކެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން މޮރީނިއޯ ބުނީ، މިއަދުގެ ދުނިޔޭގައި ބައެއް ފަހަރު އެންމެ ރަނގަޅު ގޮތަކީ އެއްވެސް ވާހަކައެއް ނުދެއްކުން ކަމަށާއި، ކޮންމެ ވާހަކައަކުން ވެސް ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެން ނަމަވެސް، މި މައްސަލައިގައި ކްލަބާއި އެމްބާޕޭ ވެސް ވަގުތުން ޒިންމާދާރުކަމާއެކު ފިޔަވަޅު އަޅައި މައާފަށް އެދިފައިވާތީ، މެނޭޖަރެއްގެ ހައިސިއްޔަތުން އެކަމާ ފަހުރުވެރިވާ ކަމަށާއި، މިހާރު މި މައްސަލަ ނިމިފައިވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލަ ފެށިގެން އައީ ކްލަބުތަކުގައި އެމްބާޕޭ ނުފޫޒު ފޯރުވާ ކަމަށް ބުނެ ސަޕޯޓަރުން ހަދާފައިވާ ޖޯކުތަކަކާ ގުޅިގެންނެވެ. ފްރާންސްގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އެމްބާޕޭ ވަނީ އޭނާގެ މޫނު "ޗައިނާގެ ޑިކްޓޭޓަރެއް" ގެ ގޮތުގައި ފޮޓޯޝޮޕްކޮށްފައިވާ މީމަކަށް އިޝާރާތްކޮށް ވާހަކަދައްކާފައެވެ. ޔޫރަޕުގެ މީޑިއާތަކުގައި ވެސް އެމްބާޕޭއަށް "ޑިކްޓޭޓަރު" ގެ ނަމުން މީގެ ކުރިން މުހަތަބުކޮށްފައިވެއެވެ.

ސްޕެނިޝް ލީގުގެ މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެއްވަނައިގައި އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާއެވެ. އެ ޓީމަށް 11 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނައިގައި ރެއާލް އޮތީ 10 މެޗުން ހޯދީ 24 ޕޮއިންޓާއެކުއެވެ.

ޗައިނާރެއާލް މެޑްރިޑްހޯސޭ މޮރީނިއޯކީލިއަން އެމްބާޕޭމާއޯ ޒެޑޮންލަލީގާސްޕެނިޝް ލީގު
ގުޅުންހުރި ޚަބަރު
ކޮމެންޓް 0