ސުލްހައިގެ މަޝްވަރާތައް ފެށުމަށް އީރާނުން ހުށަހެޅީ ހަތް ޝަރުތު

އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޟާއީ.
އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޟާއީ.

އެމެރިކާއާއެކު ސުލްހައިގެ މަޝްވަރާތައް ފަށައި، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އެމެރިކާއިން ފުރިހަމަކުރަންޖެހޭ ހަތް ޝަރުތެއް އީރާނުން ހުށަހަޅައިފިއެވެ. 

މި ޝަރުތުތަކަކީ މިދިޔަ ސެޕްޓެމްބަރު މަހު ތެހެރާނުން އެކުލަވާލި ކަންތައްތަކެއް ކަމަށް އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޟާއީ ވިދާޅުވެފައިވާއިރު، އެ ކަންކަމުގެ ތަފްސީލު އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ވަނީ ހާމަކުރައްވާފައެވެ.

އީރާނުގެ ހާރިޖީ ވަޒީރު ޢައްބާސް އަރަޤްޗީ ހާމަކުރެއްވި ގޮތުގައި، އެ ގައުމުން ހުށަހަޅާ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ ފާއިތުވި ޖުލައި މަހު އިސްލާމްއާބާދު ފަހުމުނާމާ (އެމްއޯޔޫ) ބާތިލުވުމާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، މެދުއިރުމަތީގެ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ހަރަކާތްތަކާއި ބާރުތައް މަދުކުރުމެވެ. މީގެއިތުރުން، އެ ފަހުމުނާމާގެ ދަށުން ޖޫން މަހު ތެލުގެ ވިޔަފާރިއަށް ދިން ލުއިތައް (އޮއިލް ވޭވަރސް) އަލުން އިއާދަކުރުމާއެކު، ޤަޠަރުގައި ހުރި ފައިސާ ހިމެނޭހެން އެކި ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ އެންމެހައި މާލީ މުދާތައް ދޫކޮށްލުންވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، ހޮރްމުޒް ކަނޑުއޮޅީގައި އީރާނާއި ޢުމާން ގުޅިގެން ކަނޑައަޅާފައިވާ އައު ކަނޑު ދަތުރުފަތުރުގެ މަގު ރަސްމީކޮށް ބަލައިގަތުމަށާއި، އެ މަގު ފިޔަވައި އެހެން ހުރިހާ މަގުތަކެއް ބަންދުކުރުމަށްވެސް އީރާނުން ވަނީ ގޮވާލާފައެވެ. 

އަދި ހުރިހާ ސަރަހައްދެއްގައި ކުރެވެމުންދާ ހަނގުރާމަތައް ވަގުތުން ހުއްޓާލުމަށާއި، ހާއްސަކޮށް ލުބުނާނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ނިމުމަކަށް ގެނައުމަކީ މަޝްވަރާތައް ފެށުމުގެ މުހިންމު ޝަރުތެއްގެ ގޮތުގައި އަރަޤްޗީ ފާހަގަކުރެއްވިއެވެ.

މި ޝަރުތުތަކަށް ބާރުއަޅުއްވަމުން އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޟާއީ މީގެކުރިން ވިދާޅުވެފައިވަނީ، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކުރަމުންދާ ހުރަސްތައް ވަގުތުން ނައްތާލަންޖެހޭ ކަމަށެވެ. އަދި އީރާނުގެ އިންގިލާބާ ދެކޮޅު ފަރާތްތަކަށް ވާގިވެރިވުން ހިމެނޭ ގޮތަށް، އެ ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުފޫޒު ފޯރުވުން މުޅިން ހުއްޓާލަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީރާންހޮރްމުޒް ކަނޑުއޮޅިހޮރްމުޒް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0