ސަޢޫދީގެ ތެޔޮ ރިޒާވްތަކާއި، ސިފައިންނާއި، ރިޔާދު އެއާޕޯޓަށް ހަމަލާދީފައިވާނެ: ހޫޘީން
މި ހަމަލާތަކާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާއިން އަދި ޔަމަނުގެ ސަރުކާރުންވެސް ވަކި އެއްޗެއް ބުނެފައެއްނުވޭ
ސަޢޫދީ ޢަރަބިއްޔާއާއި ޔަމަނުގައި ހުރި ތެޔޮ ރިޒާވްތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަ އޮޕަރޭޝަނެއް ހިންގައި، ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާނެ ކަމަށް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސަރީޢު ދައުވާކުރެއްވި ގޮތުގައި، ހޫޘީން ވަނީ ރިޔާދުގައި ހުންނަ އަރަމްކޯގެ ތެޔޮ މަރުކަޒުތަކަށާއި، ރިޔާދު އެއާޕޯޓަށާއި، ސައުދީ ސިފައިންނާއި އަދި ބޯޑަރުގެ ދެފަރާތުގައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.
"ސަޢޫދީގެ ސަރަހައްދުތަކަށް އަމާޒުކޮށް އަހަރެމެންގެ އޮޕަރޭޝަންތައް ކުރިއަށްގެންދާނަން. މިއީ ދަތިކުރުމުގެ ފިޔަވަޅަށް ދަތިކުރުމުގެ ފިޔަވަޅުން، އަދި ހަމަލާތައް ވަރުގަދަކުރުމަށް ހަމަލާތަކުން ރައްދުދިނުމުގެ އުސޫލުން ކުރިއަށްގެންދާ ކަމެއް. އަދި ސަޢޫދީ ސިފައިންނާއި އޮފިސަރުން ޖަމާވެފައިވާ ތަންތަނަށް އަހަރެމެން އަމާޒުކޮށް ހަމަލާ ދޭނަން،" ސަރީޢު ބުންޏެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާއިން އަދި ޔަމަނުގެ ސަރުކާރުން ވެސް ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.