މޯލްޑިވިއަންގެ ލަގްޒަރީ ދަތުރުތަކަށް 'ކިންގް އެއާ 360' މަރުކާގެ ބޯޓެއް ގެނެސްފި
މުޅިއެކު 8 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި މަތިންދާބޯޓު ހާއްސަކޮށްފައިވަނީ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ދަތުރުތަކަށާއި ވިޔަފާރިވެރިންގެ ދަތުރުތަކަށް
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް އިތުރުކޮށް، އެ ބޯޓުން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިއީ އެ އެއާލައިންގެ ފްލީޓަށް މި މަރުކާގެ ބޯޓެއް ގެނައި ފުރަތަމަ ފަހަރެވެ. މޯލްޑިވިއަންއިން މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ނިލާ ކޮރެލްސް ކުންފުންޏާ ގުޅިގެންނެވެ.
ގައުމީ އެއާލައިންގެ ފްލީޓަށް މުޅިން އަލަށް ކިންގް އެއާ 360 މަރުކާގެ މި ބޯޓު ގެނެސްފައިވާއިރު، މި ބޯޓު ރަސްމީކޮށް ދަތުރުތަކުގައި ބޭނުންކުރަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް މޯލްޑިވިއަނުން މިހާރު ވަނީ ފަށައިފައެވެ.
މުޅިއެކު 8 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި މަތިންދާބޯޓު ހާއްސަކޮށްފައިވަނީ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ދަތުރުތަކަށާއި ވިޔަފާރިވެރިންގެ ދަތުރުތަކަށެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޓު މައިގަނޑު ބޭނުންކުރާނީ "ނިލާ ކޮރަލް އައިލެންޑް"އަށް ދާ ފަސިންޖަރުން އުފުލުމުގެ ހާއްސަ ދަތުރުތަކަށެވެ.
ދެ އިންޖީނު އެކުލެވޭ މި ޓާބޯޕްރޮޕް މަތިންދާބޯޓަކީ ބާރު ދުވެއްޔާއި، އިތުބާރު ހިފޭ މިންވަރުގެ އިތުރުން ދަތުރުވެރިންނަށް އަރާމު ކެބިނެއް އެކުލެވިގެންވާތީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޯޓެކެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި، ދަތުރުކުރާ ފަރާތްތަކުން އެދޭ ވަގުތެއްގައި ސީދާ އެ މަންޒިލަކަށް ދެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މި ދަތުރުތަކުގެ ސަބަބުން، ޓްރާންސިޓްގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހި، ފަސޭހަކަމާއެކު ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން، މޯލްޑިވިއަނުން މިހާރުވެސް ދަނީ އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާއަށް ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަމުންނެވެ.
އެ ކުންފުނީގެ ފްލީޓުގައި މި ވަގުތު 25 ބޯޓު ދަނީ ދަތުރުތަކުގައި ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާބަސް އޭ330-200 ގެ ބޯޓަކާއި، އެއާބަސް އޭ320 ގެ ބޯޓެއްގެ އިތުރުން، އޭޓީއާރު މަރުކާގެ 5 ބޯޓާއި، ޑޭޝް 8 ގެ 7 ބޯޓު އަދި ކަނޑަށް ޖައްސާ މަތިންދާބޯޓުގެ ގޮތުގައި ބޭނުންކުރާ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ 11 ބޯޓެވެ.