ފޯނާ ކުޅުމާއި ހާމަކަމެއް ނެތް ނިންމުންތައް: ކައުންސިލުން ރައްޔިތުންނަށް ކުރާ މަލާމާތެއް؟

ލައިވްކުރަމުންދާ ވަގުތު، ބައެއް ކައުންސިލަރުން ފޯނާ ކުޅެން ތިއްބަވާ. ދެން ފެންނަނީ އެއްވެސް ޝައުގުވެރިކަމެއް ނެތި، ހަމައެކަނި އަތް ހިއްލާލައި ވޯޓުދޭ މަންޒަރު. ނިންމަނީ ކޮންމެވެސް ރިޕޯޓެއް ފާސްކުރަން ކަމަށް ބުންޏަސް ރިޕޯޓުގައި ހިމެނޭ ކަންތައް ސާފެއް ނުވޭ.

ސިޓީ ކައުންސިލްގެ ޖަލްސާއެއް ކުރިއަށް ދިޔަ އިރު ނަގައިފައިވާ ސްކްރީންޝޮޓެއް. ގިނަ ކައުންސިލަރުން ތިއްބެވީ ފޯނާއި ކުޅެން.
ސިޓީ ކައުންސިލްގެ ޖަލްސާއެއް ކުރިއަށް ދިޔަ އިރު ނަގައިފައިވާ ސްކްރީންޝޮޓެއް. ގިނަ ކައުންސިލަރުން ތިއްބެވީ ފޯނާއި ކުޅެން.

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ފޭސްބުކް ފަދަ ސޯޝަލް މީޑިއާ މަންސަތަކުގައި ލައިވްކުރުމަކީ، ބަލާބެލުމަށް ހާމަކަންބޮޑުކަމުގެ ރީތި މިސާލެކެވެ. ރައްޔިތުންނަށް ކައުންސިލަރުން ތިއްބަވާ މަންޒަރާއި، ވާހަކަދައްކަވާ އަޑު އިވެއެވެ. ނަމަވެސް، މި ލައިވްތަކުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތަކީ، މިއީ ހަމައެކަނި ދައްކާލާ ދައްކާލުމެއް ހެއްޔެވެ؟

ލާމަރުކަޒީ ނިޒާމުގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންނަށް ޖަވާބުދާރީވުމާއި، ނިންމުންތައް ނިންމާ ގޮތް ސާފުކޮށް އެނގުމެވެ. އެހެންނަމަވެސް، އައްޑޫ ސިޓީ ކައުންސިލްގެ ލައިވްތަކުން ފެންނަނީ ހަގީގީ ޖަވާބުދާރީވުމުގެ ބަދަލުގައި، ހަމައެކަނި ނަމެއްގައި ބާއްވާ ބައްދަލުވުންތަކެކެވެ. ކައުންސިލްގެ ޖަލްސާތައް ލައިވްކުރި ނަމަވެސް، އެ ޖަލްސާތަކުގައި ނިންމާ ނިންމުންތަކުގެ އަސްލު މައުލޫމާތު ރައްޔިތުންނާ ހަމައަށް ނުފޯރައެވެ. މިކަމުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، ކެމެރާގެ ކުރިމަތީގައި ބައްދަލުވުން ބޭއްވުމުން، ލައިވްކުރުމުގެ ހަގީގީ ބޭނުން ފުދޭތޯއެވެ؟

ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާ ގޮތަށް ފުންކޮށް ބަލައިލުމުން، މި މަންޒަރުގެ ފަނޑުކަން ހާމަވެއެވެ. އެންމެ ބޮޑު މައްސަލައަކީ، ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގެ ތަފްސީލު އާންމު ރައްޔިތުންނަށް ސާފުނުވުމެވެ. ކޮމިޓީއަކުން ނިންމާފައިވާ ރިޕޯޓެއް ނުވަތަ ހުށަހެޅުމެއް އެޖެންޑާކޮށްފައި އޮންނަ އިރު، އެ ހުށަހެޅުމުގައި އޮތީ ކޮން އެއްޗެއްކަން ލައިވް ބަލަން ތިބޭ ރައްޔިތުންނަކަށް ނޭނގެއެވެ. ކައުންސިލަރަކު ހުށަހެޅުމެއް ހުށަހަޅުއްވައި، އަނެއް ކައުންސިލަރަކު ތާއީދުކުރައްވައި، އެއްވެސް ބަހުސެއް ނެތި އެންމެންގެ އިއްތިފާގުން އެކަމެއް ފާސްކުރާ އަޑު އިވެއެވެ.

 ނަމަވެސް، ފާސްކުރީ ކޮން ކަމެއްކަމާއި، އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނީ ކޮން އަސަރެއްކަން އެއްވެސް ވަރަކަށް ތަފްސީލުކޮށްދެވިފައެއް ނުވެއެވެ. މިސާލަކަށް، ބިމާ ބެހޭ މުހިންމު ނިންމުންތަކާއި، މާލީ ބަޖެޓާ ގުޅޭ ކަންކަން ފާސްކުރާއިރު، އެކަންކަމުގެ އަސާސީ މައުލޫމާތުވެސް ލައިވްގެ ޒަރީއާއިން އާންމުންނާ ހަމައަށް ނުފޯރައެވެ. މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ފަދަ ކަމެކެވެ. ލައިވްކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް މައުލޫމާތު ދިނުން ކަމަށް ވާއިރު، މައުލޫމާތު ސިއްރުކޮށްފައި ހަމައެކަނި އަތް ހިއްލާ މަންޒަރު ދެއްކުމަކުން އެ ބޭނުމެއް ނުފުދެއެވެ. ރައްޔިތުންނަށް ފެންނަނީ ހަމައެކަނި ވޯޓަށް އަހާ މަންޒަރެވެ؛ އެ ވޯޓުގެ ފަހަތުގައިވާ ހަގީގަތެއް ނުފެނެއެވެ.

މީގެ އިތުރުން، ބައްދަލުވުންތަކުގައި ކައުންސިލަރުންގެ ފަރާތުން ފެންނަ އަމަލުތަކަކީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ލައިވްކުރަމުންދާ ވަގުތު، ބައެއް ކައުންސިލަރުން ފޯނާ ކުޅެން ތިއްބަވާ މަންޒަރު އާންމުކޮށް ފެނެއެވެ. ރައްޔިތުންގެ މުހިންމު ކަންކަމާ ގުޅޭގޮތުން ގޮތް ނިންމުމަށް ބާއްވާ ރަސްމީ ބައްދަލުވުމެއްގައި، މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ފެނުމަކީ، ކައުންސިލުން ރައްޔިތުންގެ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ކުޑަކަން އަންގައިދޭ ކަމެކެވެ. ރައްޔިތުން ވޯޓުދީފައި ތިބީ އެމީހުންގެ ހައްގުގައި ވަކާލާތުކޮށް، މުހިންމު ނިންމުންތައް ނިންމުމަށެވެ

ނަމަވެސް، އެއްވެސް ޝައުގުވެރިކަމެއް ނެތި، ހަމައެކަނި އަތް ހިއްލާލައި ވޯޓުދިނުމުގެ ރަސްމިއްޔާތެއްގެ ގޮތުގައި ބައްދަލުވުންތައް ކުރިއަށްދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކައުންސިލްގެ މޭޒުދޮށުގައި ތިއްބަވައިގެން، ސޯޝަލް މީޑިއާ ސްކްރޯލްކުރުމާއި އަމިއްލަ މެސެޖުތަކަށް ޖަވާބުދިނުމަކީ، އެ ބޭފުޅުން ތަމްސީލުކުރާ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިހުތިރާމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން، ކައުންސިލްގެ ނިންމުންތަކާމެދު ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެންދެއެވެ. ލައިވްކުރާ ބައްދަލުވުމެއްގައި މިފަދަ މަންޒަރުތައް ފެނުމުން، ކައުންސިލަރުންގެ ސަމާލުކަން ހުރީ ރައްޔިތުންގެ މައްސަލަތަކަށް ތޯ ސުވާލު އުފެދެއެވެ.

ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކޮމިޓީތަކުގައި ކޮންމެ ގޮތަކަށް މަޝްވަރާކުރެވުނު ނަމަވެސް، އާންމު ބައްދަލުވުމުގައި އެ ނިންމުމެއްގެ ހުލާސާއާއި، އެކަމުގެ ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެއެވެ. ހަމައެކަނި ގާނޫނީ ވާޖިބެއް އަދާކުރުމުގެ ނިޔަތުގައި ބައްދަލުވުން ލައިވްކުރުމަކުން، ރައްޔިތުންނަށް ލިބެންޖެހޭ މައުލޫމާތެއް ނުލިބެއެވެ. ލާމަރުކަޒީ ނިޒާމުގެ ރޫހަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް ވާއިރު، ނިންމުންތައް ސިއްރުކޮށްފައި ބޭއްވުމަކީ އެ ރޫހާ މުޅިން ހިލާފު ކަމެކެވެ. ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަކީ ހަގީގީ ޖަވާބުދާރީވުމެއް ނޫނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުންތަކަކީ ހަގީގީ މާނައިގައި ރައްޔިތުންނަށް ފައިދާހުރި، ޖަވާބުދާރީވަނިވި ބައްދަލުވުންތަކަކަށް ހެދުމަށްޓަކައި، އުސޫލީ ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ބައްދަލުވުމުގައި އެޖެންޑާކުރެވޭ މައްސަލަތަކާއި، ކޮމިޓީ ރިޕޯޓުތަކާއި، ފާސްކުރަން ހުށަހެޅޭ ގަރާރުތައް ބައްދަލުވުން ފެށުމުގެ ކުރިން އާންމުކޮށް ފެންނާނެހެން ޝާއިއުކުރަން ޖެހެއެވެ.

އަދި ހަމަ އެއާއި އެކު ކައުންސިލަރުން ވޯޓު ދެއްވަނީ ކޮން ކަމަކަށްކަން ސާފުވާނެއެވެ. މީގެ އިތުރުން، ކައުންސިލަރުންގެ ފަރާތުން މިއަށްވުރެ ބޮޑު ޕްރޮފެޝަނަލިޒަމްއެއް ފެންނަން ޖެހެއެވެ. ބައްދަލުވުމުގެ ވަގުތަކީ ރައްޔިތުންގެ ވަގުތުކަން ދަނެ، ފޯނާ ކުޅުން ފަދަ ކަންކަމުން ދުރުވެ، މައްސަލަތަކަށް ފުންކޮށް ބަހުސްކުރަން ޖެހެއެވެ. ނަމެއްގައި ބައްދަލުވުން ލައިވްކޮށްލުމުގެ ބަދަލުގައި، ރައްޔިތުންނަށް ކަންކަން ސާފުކޮށްދީ، ހަގީގީ ލާމަރުކަޒީ ޑިމޮކްރަސީއެއްގެ ސިފަތައް ކައުންސިލުން ދައްކަން ވެއްޖެއެވެ. ރައްޔިތުން ބޭނުންވަނީ ހަމައެކަނި މަންޒަރެއް ނޫނެވެ؛ ރައްޔިތުން ބޭނުންވަނީ ނިންމުންތަކުގެ ފަހަތުގައިވާ ސަބަބުތަކާއި، އެ ނިންމުންތަކުން ނުކުންނާނެ ނަތީޖާ ސާފުކޮށް އެނގުމެވެ. 

އައްޑޫ ސިޓީ ކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0