މޭޔަރާއި 3 ކައުންސިލަރުން ޗައިނާގައި، ޔީވޫ ސިޓީ އާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ވިޔަފާރިއާއި ތައުލީމާއި ތިމާވެށީގެ ދާއިރާއިން ދެ ސިޓީގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވާނެ

އައްޑޫ ސިޓީގެ މޭޔަރު ނިޒާރު އާއި ކައުންސިލްގެ ވަފްދު.
އައްޑޫ ސިޓީގެ މޭޔަރު ނިޒާރު އާއި ކައުންސިލްގެ ވަފްދު.

އައްޑޫ ސިޓީ ކައުންސިލާއި ޗައިނާގެ ޒެޖިއަންގް ޕްރޮވިންސްގެ ޔީވޫ ސިޓީއާ ދެމެދު ސިސްޓާ ސިޓީ ގުޅުން ގާއިމުކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

ދެ ސިޓީގެ ދެމެދުގައި ސޮއިކުރި މިފަހުމުނާމާގެ ދަށުން އެއްބާރުލުން އިތުރުކޮށް، އިގުތިސާދީ ކުރިއެރުމާއި ސަގާފީ ގުޅުންތައް ބަދަހިކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މި އެމްއޯޔޫގައި ސޮއިކުރުމަށްޓަކައި ޗައިނާއަށް ދިޔައީ ކައުންސިލްގެ ޖުމްލަ 5 ބޭފުޅުންގެ ވަފުދެކެވެ. މީގެ ތެރޭގައި  ހިމެނިވަޑައިގަންނަވަނީ މޭޔަރު ޢަލީ ނިޒާރުގެ އިތުރުން، ކައުންސިލަރު އަޤީލް މުޙައްމަދާއި، ކައުންސިލަރު ނަޒީރު އަދި ކައުންސިލަރު ޒަރީރެވެ. ފަސްވަނަ ފަރާތަކީ ކައުންސިލްގެ އިދާރީ މުވައްޒަފެކެވެ.

ޔީވޫ ސިޓީ ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ ކުދި މުދަލުގެ މައި މަރުކަޒުގެ ގޮތުގައި މަޝްހޫރުވެފައިވާ ޔީވޫ ސިޓީއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު ހަބެކެވެ. މި ގުޅުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާއިން ގުޅުންތައް އުފެއްދުމަށާއި، ވިޔަފާރިތައް ތަރައްގީކޮށް ބައިނަލްއަގުވާމީ ބާޒާރުތަކާ ގުޅުން ގާއިމުކުރުމަށް އައްޑޫ ސިޓީއަށް ފުރުސަތުތައް ލިބިގެންދާނެއެވެ. މީގެ އިތުރުން އިޔާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ހޭނެމާއި، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ އިތުރުން ތައުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށްވެސް މި ފަހުމުނާމާގެ ދަށުން މަގުފަހިވެގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ. 

އައްޑޫ ސިޓީގެ އިތުރުން ޕާކިސްތާނުގެ ރާވަލްޕިންޑީއާއި، އިންޑޮނޭޝިއާގެ ބަންދަރު ލަމްޕުންގް އަދި މެކްސިކޯގެ ގުއަނަޖުއާޓޯއާ އެކު ވެސް ޔީވޫ ސިޓީން ފަހުމުނާމާތަކެއްގައި ސޮއިކޮށްފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0