އޭއީއެޗުން މި އަހަރުގެ އޭއެމްއާރު ހަފުތާ ފާހަގަކޮށްފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މި އަހަރުގެ ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެޒިސްޓެންސް (އޭއެމްއާރު) އަށް ހޭލުންތެރިކުރުމުގެ ހަފުތާ ފާހަގަކޮށްފިއެވެ.
އެ ހޮސްޕިޓަލުން މި ހަފުތާ ފާހަގަކޮށްފައިވަނީ ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމަކާއެކުގައެވެ.
އޭއީއެޗުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބޭސްތަކަށް ޖަރާސީމު ހޭނެމުންދާ ނުވަތަ އެންޓިމައިކްރޯބިއަލް ރެޒިސްޓެންސްގެ ނުރައްކާ އިތުރުވަމުންދާ މައްސަލައަށެވެ.
މީގެ އިތުރުން، ޒިންމާދާރުކަމާއެކު އެންޓިމައިކްރޯބިއަލް ބޭސްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފައެވެ.
މި އަހަރުގެ ހޭލުންތެރިކުރުމުގެ ހަފުތާގެ ޝިއާރަކީ “ވަން ހެލްތު، ވަން އެކްޝަން: ޕްރިވެންޓް އޭއެމްއާރު ނައު” ނުވަތަ “އެއް ސިއްހަތެއް، އެއް ފިޔަވަޅެއް: އޭއެމްއާރު މިހާރު ހުއްޓުވާ” މިއެވެ.
މި ޝިއާރުގެ ދަށުން، އިންފެކްޝަންތަކުން ރައްކާތެރިވުމަށާއި، ޒިންމާދާރުކަމާއެކު އެންޓިމައިކްރޯބިއަލް ބޭސްތައް ބޭނުންކުރުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށްޓަކައި އެންޓިބަޔޮޓިކްސްގެ އަސަރު ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ދެމިއޮންނާނެކަން އޭއީއެޗުން ވަނީ އާކޮށްފައެވެ.