ކްލަބް އޭއީއެޗް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން އެޑްމިން ޓީމަށް
މުބާރާތުގެ ދެވަނަ ނާސިންގ ޓީމުން ހޯދިއިރު ތިންވަނަ ލިބުނީ ޑައިގްނޯސްޓިކްސް އެންޑް ތެރަޕިއުޓިކްސްއަށް.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކްލަބް އޭއީއެޗުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ
"ކްލަބް އޭއީއެޗް ބެޑްމިންޓަން މުބާރާތް 2026" ޗެމްޕިއަންކަން އެ ހޮސްޕިޓަލުގެ އެޑްމިން ޓީމުން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އެޑްމިނިއަންސްގެ ނަމުގައި ވާދަކޮށްގެން އެ ޓީމުން ހޯދިއިރު، އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ނިސްބަތްވަނީވެސް އެޑްމިން ޓީމަށެވެ. ސީއީއޯ ވަނީ މުބާރާތުގައި ކުޅުއްވާފައެވެ.
މި މުބާރާތުގެ ރަނަރަޕް މަގާމު ހޯދާފައިވަނީ ކޯޑް ސްމޭޝްގެ ނަމުގައި ނުކުތް ނާސިންގ ޓީމުންނެވެ. އަދި މުބާރާތުގެ ތިންވަނަ މަގާމު ލިބިފައިވަނީ ޓީމް ޕެންތާސްގެ ނަމުގައި ވާދަކުރި ޑައިގްނޯސްޓިކްސް އެންޑް ތެރަޕިއުޓިކްސް ޓީމަށެވެ.
ކްލަބް އޭއީއެޗުން ބުނި ގޮތުގައި، މި މުބާރާތުގެ ތެރެއިން ކޯޓު މަތީގައާއި ކޯޓުން ބޭރުގައި ވެސް އުފާވެރި އެތައް ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ލިބިގެންގޮސްފައިވެއެވެ. އެގޮތުން މުބާރާތުގައި ވަރަށް ވާދަވެރި މެޗުތަކެއް ކުޅެވިގެންދިޔައިރު، ސަޕޯޓަރުންގެ ފަރާތުން ފޯރިގަދަ ތަރުހީބެއް ލިބިގެންދިޔަ ކަމަށް އެ ކްލަބުން ފާހަގަކުރިއެވެ.
މީގެ އިތުރުން، މުބާރާތުގެ ވަނަތައް ހޯދި އެޑްމިން ޓީމާއި، ނާސިންގ އަދި ޑައިގްނޯސްޓިކްސް އެންޑް ތެރަޕިއުޓިކްސް ޓީމަށް މަރުހަބާ ކިޔައި، މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ދެއްކި ރަނގަޅު ކުޅުމަށް ކްލަބް އޭއީއެޗުން ވަނީ ތާރީފުކޮށްފައެވެ.