ޚަބަރު
ހޮސްޕިޓަލްތަކުގެ ސީއީއޯއިންގެ ބައްދަލުވުމުގައި ޑރ. އަދީލް ބައިވެރިވެވަޑައިގެންފި
މި ޕްރޮގްރާމްގެ ޒަރިއްއާއިން ރީޖަނަލް ހޮސްޕިޓަލްތަކުގެ ހުރި ކަންބޮޑުވުންތަކާއި، ރަނގަޅުކުރަން ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށްވެސް ޑރ. އަދީލް ފާހަގަކުރެއްވި.
ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ
ފެންވަރު މަތިކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ
ތެރެއިން، ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއެކު ކުރިއަށް ގެންދިޔަ ސިލްސިލާ
ބައްދަލުވުންތަކުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ.
އަހުމަދު އަދީލް ނަސީރު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ
ވުޒާރާއިން އިސްނަގައިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ރީޖަނަލް
ހޮސްޕިޓަލްތަކުގެ އިސްވެރިންނާ އެކު ހަތަރު ދުވަހަށް ކުރިއަށްގެންދިޔަ މި ސިލްސިލާ
ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ސިއްހީ ހިދުމަތްތައް ލާމަރުކަޒީކޮށް،
ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި އައުޓްރީޗް ޕްރޮގްރާމްތައް
އިތުރަށް ފުޅާކުރުމެވެ.
މިގޮތުން، ހިދުމަތްތައް ފުޅާކުރުމަށް ކުރާ
މަސައްކަތްތަކުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފުރިހަމަ
އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން މި
ބައްދަލުވުންތަކުގައި ދެއްވާފައިވާކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި ސިލްސިލާ ބައްދަލުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ. އަދީލް ވިދާޅުވީ، ހަތަރު ދުވަހަށް ކުރިއަށްގެންދިޔަ ޕްރޮގްރާމަކީ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށާއި، މީގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން، މި ޕްރޮގްރާމްގެ ޒަރިއްޔާއިން ރީޖަނަލް ހޮސްޕިޓަލްތަކުގެ ހުރި ކަންބޮޑުވުންތަކާއި، ރަނގަޅުކުރަން ބޭނުންވާ ކަންތައްތަކުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށްވެސް ޑރ. އަދީލް ފާހަގަކުރެއްވިއެވެ.
މި ސިލްސިލާ ބައްދަލުވުންތަކުގައި، ހޮސްޕިޓަލްތައް
އިދާރީގޮތުން ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ދަތިތައް
ހިއްސާކޮށްފައިވާއިރު، މި ކަންކަމުގައި ޝާމިލުވާ އެންމެހައި މުއައްސަސާތަކާއި
ވަކިވަކިން ބައްދަލުކޮށް، އެ މައްސަލަތަކަށް ދާއިމީ އަދި ހަރުދަނާ ހައްލުތަކެއް
ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ގައުމުގެ ސިއްހީ ނިޒާމަކީ ވަށާޖެހޭ އަދި އެކަކު
އަނެކަކަށް ބަރޯސާވެވޭފަދަ ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި، ހުރިހާ
މުއައްސަސާތަކެއް ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ
މުހިންމުކަން މި ބައްދަލުވުންތަކުގައި ވަނީ ފާހަގަކޮށްފައެވެ.
ވަކިވަކި ހިދުމަތްތަކުގެ
ބަދަލުގައި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ހިދުމަތުގެ
ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމުގައި
ވަޒީރު ޤީލާ ޢަލީ ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން،
ކުރިއަށް އޮތް ތަނުގައި އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ
ސިއްހީ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާކަމަށް
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.