ޝާހިދުގެ ރަނިންމޭޓަކަށް ނާޒިލް ގެންނަވާނެ ކަމުގެ އަޑުތަކެއް!
ޝާހިދުގެ ރަނިން މޭޓަކަށް ނާޒިލް ގެންނަވާނެ ކަމަށް ބުނާ އަޑުތައް ފެތުރިފައިވާއިރު، ނާޒިލް ގެންދަވަނީ ޝާހިދުގެ ކެމްޕެއިން އިސް ސަފުގައި ހަރަކާތްތެރިވަމުން.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޕްރައިމަރީ ކާމިޔާބުކޮށްފި ނަމަ، އެބޭފުޅާގެ ރަނިން މޭޓަކަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ނާޒިލް ގެންނާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވެސް ވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. އެގޮތުން، އޭނާ ބުނެފައިވަނީ، އެމްޑީޕީގެ ޕްރައިމަރީ ޝާހިދު ކާމިޔާބުކޮށްފިނަމަ، ޝާހިދުގެ ރަނިން މޭޓަކަށް ވުމުގެ ފުރުސަތު އެންމެ ބޮޑީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމުގައި ވެސް ހުންނެވި ނާޒިލް ކަމަށެވެ. އޭގެ ހެއްކެއް ގޮތުގައި ދެއްކެވީ، އައްޑޫއިން ޝާހިދުގެ ކެމްޕެއިން ލޯންޗްކުރެއްވުމާއި އަދި ޝާހިދު އާއި އެކު ކެމްޕެއިންގެ އިސް ސަފުގައި ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ނާޒިލްގެ އަނބިކަނބަލުން ހިސާން ވެސް ބައިވެރިވަމުން ދިއުމަށެވެ.
ހިސާން ވެސް ވަނީ ދާދިފަހުން އެމްޑީޕީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ. ހިސާން އިސްތިއުފާ ދެއްވާފައިވަނީ އެމްޑީޕީގެ ރައީސްކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. ހިސާން އޭރު ވިދާޅުވީ އެ މަގާމަށް އައްޔަންކުރެއްވީ އެއިރުގެ ޕާޓީގެ ރައީސްގެ އިސްނެންގެވުމަށް ކަމަށާއި އެހެންކަމުން އެ މަގާމުގެ މެންޑޭޓް ގުޅިފައި އޮތީ ޕާޓީގެ ރައީސްގެ މެންޑޭޓާ ކަމަށެވެ. އަދި ޕާޓީގެ ރައީސް އިސްތިއުފާ ދެއްވި ހިސާބުން އައު މެންޑޭޓެއް ނެތި އެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހިސާން ވިދާޅުވިއެވެ.
އޭގެ ފަހުން ހިސާން ގެންދަވަނީ ޝާހިދުގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.
ޝާހިދުގެ ކެމްޕެއިންގެ ހަރަކާތްތަކުން ހިސާން އާއި ނާޒިލް ހަރަކާތްތެރިވަމުން ގެންދާއިރު، މެންބަރު ނާޒިލް އިސްވެ ހުންނަވައި ބައެއް ރަށްތަކަށްވެސް ވަނީ ވަޑައިގެންފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ތެރޭގައި ތިއްބެވި ނާޒިލްގެ ވަރަށް އަރިސް މީހުންވެސް ވަނީ ޝާހިދުގެ ކެމްޕެއިންގެ ކުރީ ސަފަށް ނުކުމެފައި ތިބި ކަން ފާހަގަކޮށްލެވެއެވެ. ޚާއްސަ ގޮތެއްގައި، ހިތަދޫ ދެކުނު ދާއިރާގައި ތިއްބެވި ނާޒިލްގެ އެންމެ އަރިސް އެމްޑީޕީ މެންބަރުން ޝާހިދުއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.
އައްޑޫއަށް ނިސްބަތްވާ ހުރިހާ ކައުންސިލަރުން ހެން ތިއްބެވީ، ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒު އިސްމާއީލްއަށް ތާއީދުކޮށްގެން ކަމަށް ވިޔަސް ނާޒިލް ތަމްސީލުކުރައްވާ ދެކުނު ދާއިރާގެ ކައުންސިލަރު ޒަރީރު ހުންނެވީ ޝާހިދު އާއި އެއްކޮށެވެ.އަދި މީގެ އިތުރުން އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ހިޖްރާ ވެސް ހުންނެވީ ޝާހިދުއަށް ތާއީދުކޮށްގެންނެވެ. ހިޖްރާ އަކީ ނާޒިލްގެ ކޮއްކޮ އެކެވެ.
ނާޒިލް ރަނިން މޭޓަކަށް ގެންނާނެ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭ ގޮތުން ނާޒިލްގެ ބަހެއް ހޯދާލުމަށް 'އައްޑޫޕްލަސް' އިން މެސެޖުކުރުމުން، ޖަވާބެއް ދެއްވާފައި ނުވާތީ ނާޒިލްގެ ބަހެއް މިކަމުގައި ލިބިފައެއް ނުވެއެވެ.