ޒުވާނުން ލިންކް ރޯޑާއި ގުޅޭގޮތުން މުޒާހަރާ ކުރަން އުޅެނީ ސަމާލުކަން ހޯދަން: ޑެޕިއުޓީ މިނިސްޓަރު

މަގު ހަލާކުވީ އައްޑޫ ސިޓީ ކައުންސިލުން މަރާމާތު ނުކޮށް ދޫކޮށްލުމުން ކަމަށް އޭނާ ބުނެފައިވޭ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު. ފޮޓޯ: ފޭސްބުކް
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު. ފޮޓޯ: ފޭސްބުކް

އައްޑޫ ސިޓީ ލިންކް ރޯޑުގެ މައްސަލައިގައި، ޒުވާނުން މުޒާހަރާކުރަނީ ސަމާލުކަން ހޯދުމަށް ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އައްޑޫގައި ހުންނަ ހުސައިން ރަޝީދު ފޭސްބުކްގައި ބުނެފައިވަނީ، އައްޑޫ ލިންކް ރޯޑާ ގުޅޭގޮތުން ކުރާ  ހަދާފައިވާ ޑޮކިއުމެންޓަރީއަކީ ސަމާލުކަން ހޯދުމަށް ޖެއްސި ސިޔާސީ ކެމްޕެއިން ސްޓަންޓެއް ކަމަށެވެ. ބެލެވޭ ގޮތުގައި ހުސައިން ނުސީދާ ގޮތެއްގައި ފާޑުކިޔައިފައިވަނީ، އައްޑޫ ލިންކް ރޯޑާއި ގުޅޭގޮތުން، ހިތަދޫއަށް ނިސްބަތްވާ ޒުވާނަކު މިއަހަރުގެ ކުރީކޮޅު ހެދި ވީޑިއޯ އަކަށެވެ. އެ ވީޑިއޯގައި ލިންކް ރޯޑުގެ ހާލަތު ދައްކުވައިދީ ސަރުކާރުން ލިންކް ރޯޑުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވެއެވެ،. 

ހުސައިން ބުނިގޮތުގައި އެއީ ސިޔާސީ ވާހަކައެއް ނޫން ކަމަށް ބުނެ ދުރާލައި ރާވައިގެން ސިޔާސީ ބޭނުމަކަށް ހެދި ޑޮކިއުމެންޓަރީއެއް ކަމަށާއި، އެ ސްޓަންޓު ތަކުރާރުކޮށްގެން ސަމާލުކަން ހޯދަން އުޅުނު ނަމަވެސް އޮތް ހަގީގަތް ބަދަލު ނުވާނެ ކަމަށެވެ.

ސްޓަންޓް ތަކުރާރުކުރުން ގޮތުގައި ހުސައިން ނުސީދާ ގޮތެއްގައި ހުސައިން ސިފަކުރީ ހުކުރު ދުވަހު ޒުވާނުން އައްޑޫގައި ކުރަން ނިންމައިފައިވާ މުޒާހަރާއަށެވެ. އެހެން ނަމަވެސް އައްޑޫޕްލަސް އަށް އެނގިފައިވާ ގޮތުގައި ހުސައިން އެފާހަގަކުރާ ވީޑިއޯ ހެދި ފަރާތަކާއި މުޒާހަރާ އާއި އެއްވެސް ގުޅުމެއް ނެތެވެ. އެކަން އިންތިޒާމުގައި ހަރަކާތްތެރިވަނީ އައްޑޫގެ އެކި އަވަށްތަކަށް ނިސްބަތްވާ ޒުވާނުންނެވެ. 

ލިންކް ރޯޑުގެ ތާރީހަށް ހުސައިން ފާހަގަކުރި ގޮތުގައި، އެ މަގަކީ 2001 ވަނަ އަހަރު ރައީސް މައުމޫން ފެއްޓެވި މަސައްކަތްޕުޅެކެވެ. އަދި އެ މަސައްކަތް ނިންމާލުމަށް ފަހު އާންމުންނަށް މަގު ހުޅުވާލީ 2003 ވަނަ އަހަރު ކަމަށާއި، އޭގެ ފަހުން ތިން ވެރިކަން ނިމިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އެ މަގު މިހާރު އޮތް ހާލަތަކީ ފާއިތުވި ސަރުކާރުތަކުން އެ ތަން ބަލަހައްޓާފައި ނުވާކަމުގެ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރު ލާމަރުކާޒީ ގާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތަކަށް ބްލޮކް ގްރާންޓާއި، އެ ސިޓީއެއް ނުވަތަ ރަށެއްގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީ އާމްދަނީގެ ގޮތުގައި ލިބެން ފެށި ފަހުން، ލިންކް ރޯޑް މަރާމާތުކޮށް ބެލެހެއްޓުމަކީ އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް ހުސައިން ބުންޏެވެ. ނަމަވެސް އެ މަގު އެ ހާލަތަށް ހަލާކުވެގެން ދިޔައީ އެ ކައުންސިލުން މަގު މަރާމާތު ނުކޮށް ދޫކޮށްލުމުން ކަމަށް އޭނާ ތުހުމަތުކުރިއެވެ.

މެޓްރިކްސް ހުސައިން ބުނި ގޮތުގައި، އައްޑޫ ލިންކް ރޯޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ނުވި ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި އެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރި ކަމަށެވެ.. އޭރު ވެސް ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މަސައްކަތް ނިންމާލުން ކަމަށާއި، އަދި މިހާރު ސަރުކާރުގެ ނިޔަތަކީ އެއަށް ވުރެ ވެސް އަވަހަށް އެ މަސައްކަތް ނިންމައި ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ބުންޏެވެ.

އެގޮތުން، ޗައިނާގެ ރޯޓައިމް ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ވެސް އަވަސް ދުވެއްޔެއްގައި ފެންވަރު ރަނގަޅުކޮށް މަގު ނިންމާލުމަށް ކަމަށް ހުސައިން ބުންޏެވެ. ހަމައެއާއެކު، ފާއިތުވި ސަރުކާރުތަކުން ކަންތައް ކުރި ގޮތަށް، މަގު ރީސާފޭސްކޮށްލައިގެން ނުވަތަ ޕެޗު އަޅައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މި ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށާއި، ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ވަގުތީ ހައްލެއްގެ ބަދަލުގައި ދާއިމީ ހައްލެއް ގެނެސްދެއްވުމަށް ކަމަށް އޭނާ ބުންޏެވެ. އަދި ﷲގެ އިރާދަފުޅުން 2028 ވަނަ އަހަރުގެ ކުރިން ލިންކް ރޯޑުގެ މަސައްކަތް ނިމި، އޭގެ ފޮނިމީރުކަން އައްޑޫ ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ

އައްޑޫ ލިންކް ރޯޑް
ގުޅުންހުރި ޚަބަރު
ކޮމެންޓް 0